ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހާއަށް އިހުމާލުވި އޭނާގެ ދަރިންގެ މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވޭތޯ ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖެންޑާ މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.

އުމުރުން 70 އަހަރުން މަތީގެ މި ފިރިހެން މީހާ އެތައް އަހަރެއް ވަންދެން އެކަނިވެރި ހާލުގައި އުޅެނިކޮށް ދާދިފަހުން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، ބޮޑެތިވެފައި ތިބި ދެ ދަރިން ތިބި ނަމަވެސް އެ މީހުންގެ ފަރާތުން ބައްޕައަށް އެއްވެސް އަޅާލުމެއް ލިބިފައެއް ނުވެއެވެ.

ޖެންޑާ މިނިސްޓަރު ގީލާ އަލީއަށް މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، އާއިލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މައިންބަފައިންނަށް އަޅާނުލާ ދޫކޮށްލާ ދަރިންނާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން މަސައްކަތް ކޮށްފައިވޭތޯ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން، އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔައީ ކ. ގުރައިދޫ މަރުކަޒުގައި ޖާގަ ނެތިގެން ކަމަށް މައުލޫމާތު ލިބިފައިވާތީ، ޖާގަ ނެތުމުގެ ސަބަބުން މިފަދަ ނިކަމެތިން ބާކީކޮށްލުމަކީ ދައުލަތުގެ އިހުމާލެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.

އަދި އެފަދަ މަރުކަޒުތަކުގެ ޖާގަ އިތުރުކުރަން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލަށްވެސް އެދިވަޑައިގެންފައިވެއެވެ.

މަރުކަޒުތަކުން ޖާގަ ނުލިބޭ ހާލަތްތަކުގައި ރަށު ފެންވަރުގައި ވަގުތީ އެހީތެރިއަކު ހަމަޖައްސައިދޭނެ އިންތިޒާމެއް ނެތީ ކީއްވެތޯއާއި، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ދޭނެ ދާއިމީ ގައުމީ ނިޒާމެއް އެކުލަވާލުން ލަސްވާ ސަބަބާ މެދުވެސް ސިޓީގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އޮތް މި މީހާގެ ޒަރޫރީ ކަންކަން މީގެކުރިން ބަލަހައްޓަމުން އައީ އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެންނެވެ. އަދި އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެދުނީ ވެސް އޭނާގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން އެ ދެ މުއައްސަސާއިންނެވެ.