ގޯނާއާއި އަނިޔާގެ ޝިކާރައަކަށްވި 101 ކުޑަކުއްޖަކު، އަމިއްލައަށް އިސްނަގައިގެން މިދިޔަ މަހު މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ފޯނު މެދުވެރިކޮށް ޖުމްލަ 2,003 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ބޮޑެތި މީހުން ގުޅައިގެން ހުށަހެޅި 1,514 މައްސަލައަކާއި، ވަނަވަރު ސިއްރުކޮށް ހުށަހެޅި 388 މައްސަލައެއް ހިމެނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅުންހުރި 257 މައްސަލައެއްގައި މިދިޔަ މަހު މިނިސްޓްރީން އަމަލީ ގޮތުން ފިޔަވަޅު އަޅައި، މަސައްކަތްކޮށްފައިވެއެވެ.
ތަފާސްހިސާބުގައިވާ ގޮތުން، ކުޑަކުދިންނަށް ލިބޭ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ 91 މައްސަލައެއް މިދިޔަ މަހު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުދިންނަށް އަޅާނުލައި، އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 32 މައްސަލައެއް ރެކޯޑުކުރެވުނުއިރު، ޖިންސީ ގޯނާގެ 20 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ 13 މައްސަލައެއް ވަނީ ހުށަހަޅާފައިކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި:
- ގެވެށި އަނިޔާގެ މަންޒަރު ފެނުން: 10 މައްސަލަ
- ބުލީ ކުރުމުގެ ޝިކާރައަކަށްވުން: 8 މައްސަލަ
- ނަފުސާނީ އަނިޔާ: 4 މައްސަލަ
- ބްލެކްމެއިލް ކުރުން: 1 މައްސަލަ
- ފުރައްސާރަކުރުން: 1 މައްސަލަ
- އެހެނިހެން އަނިޔާތައް: 2 މައްސަލަ
ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
ކޮމެންޓް