ޔޫއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ޖަރުމަނާއި ނެދަލޭންޑްސްގެ ކުރިމަތިލުން އެއްވަރުވި އިރު، ގްރޫޕް ހަތަރެއްގައި ޕޯޗުގަލްއާއި ނޯވޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ރޭ ޖަރުމަނާއި ނެދަލޭންޑްސްގެ ކުރިމަތިލުން ހާއްސަވީ ދެޓީމުގެވެސް އާ ކޯޗުންނަށެވެ. ޖަރުމަނުގެ ކޯޗުކަމާ އަލަށް ހަވާލުވި ޔާގަން ކްލޮޕާއެކު ރޭ އެޓީމުން މެޗަށް ނުކުތް އިރު، ނެދަލޭންޑްސްއިން މެޗަށް ނުކުތީ އަލަށް އެޓީމާ ހަވާލުވި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުންނެވެ.
ޖަރުމަނުން މެޗުގެ ބޮޑުބައެއްގައި ލީޑު ކުރި ނަމަވެސް ނެދަލޭންޑްސްއިން ފަހުވަގުތު ގޯލް ޖަހައިގެން މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ވަނީ ޖަރުމަނު ގޯލް ތެރެއަށް ބޯޅަ ވައްދާލައިފައެވެ. ޓިޖާނީ ރެއިންޑާސް ނަގައިދިން ކޯނަރަށް އަރައި ވާޖިލް ވެން ޑައިކް ބޮލުން ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އެއީ ގޯލެއް ނޫން ކަމަށް ނިންމީ ނެދަލޭންޑްސްގެ ބްރައިން ބްރޮބޭ، ޖަރުމަނުގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންއަށް ހުރަސް އެޅުމުން ފައުލް ކަމަށް ދެއްކުމުންނެވެ.
ފުރަތަމަ ހާފުގައި ޖަރުމަނުގެ ފޯވަޑް ކައި ހަވާޓްސްއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، މެޗުގައި ނެދަލޭންޑްސްގެ ބްރޮބޭއަށްވެސް އަނިޔާވެފައިވެއެވެ.
ޖަރުމަނުން ގޯލް ޖެހީ ބްރޮބޭއަށް ލިބުނު އަނިޔާގެ ތެރެއިންނެވެ. ބްރޮބޭއަށް އަނިޔާވުމުން ޖަރުމަނުން ބޯޅަ ބޭރުކޮށްލާނެ ކަމަށް ބަލައިގެން ނެދަލޭންޑްސްއިން މަޑުޖެހިލި ނަމަވެސް ޖޯޝުއާ ކިމިކާއި ނަދިއެމް އަމީރީ ވަނީ ކުޅުން ކުރިއަށް ގެންގޮސްފައެވެ. އެ ހާލަތުން ތަނަވަސްކުރި ފުރުސަތު ގޯލަށް ނިންމާލީ ފެލިކްސް އެންމެޗާއެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ކަރީމް އަދެޔޭމީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފުގައި ނެދަލޭންޑްސްގެ މެކްސް މީޑިންކަށް ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ. މެޗުގައި ނެދަލޭންޑްސް އެއްވަރުކުރީ އިތުރު ވަގުތުގައި ގަކްޕޯ ޖެހި ގޯލުންނެވެ.
ޕޯޗުގަލްއިން އާކޯޗު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ރޭ ކުޅުނު މެޗުގައި 1-0 އިން ވޭލްސް ބަލިކުރި އިރު، އެ މެޗުގައި ގޯލް ޖެހީ ޖޮއާއޯ ފެލިކްސްއެވެ.
ކުރީކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތު އޭނާ އަތުން ގެއްލުނު އިރު، އޭގެ ފަހުން ވިޓީނިއާއި ފެލިކްސް ފޮނުވާލި ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ. އަނެއްކޮޅުން ވޭލްސްއިންވެސް ނުރައްކާ ކުރި އިރު، ބްރެނަން ޖޯންސަންގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އަދި ޑެނިއަލް ޖޭމްސްއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް ނުހިފުނެވެ.
ކެރިއަރުގައި 1000 ގޯލަށް މަސައްކަތް ކުރަމުން ދިޔަ ރޮނާލްޑޯއަށް އިތުރު ދެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އޭނާ އެ ބޯޅަށް ދުއްވައިގަތީ އޮފްސައިޑް މަގާމެއްގައި އޮވެފައެވެ.
ނޯވޭއާއި ޕޯޗުގަލްވެސް ގްރޫޕް ހަތަރެއްގައި ހިމެނޭ އިރު، ރޭ ނޯވޭއިން ޑެންމާކު ބަލިކުރީ 3-2 އިންނެވެ. އާލިން ހާލަންޑް ދެ ގޯލް ޖަހައިދިން އިރު، އަނެއް ގޯލް ޖެހީ އޮސްކާ ބޮބެވެ. ޑެންމާކުގެ ގޯލްތައް ޖެހީ މިކޭލް ޑެމްސްގާޑާއި ރަސްމުސް ހޮއިލުންޑެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް