އިދިކޮޅު އެމްޑީޕީން ޑޮލަރުގެ އަގު އަރައިގެން ދިޔަ ވާހަކަދެއްކުމަކީ ޖޯކެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފައިސާ ޗާޕުކުރަން ހުއްދަދިނީ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ އޭރުގެ ރައީސް، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން އއ. އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ކޮވިޑުގެ ހާލަތު ނާޖާއިޒް ގޮތުގައި ބޭނުންކުރަން ޖަރީމާތައް ހިންގީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށާއި އެމްޑީޕީގެ މެޖޯރިޓީއާއެކު ރިޔާސަތުގައި އިންނެވީ ނަޝީދު ކަމަށެވެ. އަދި ފައިސާ ޗާޕުކުރަން އޭރު ދެކޮޅު ހައްދަވައި، އިހުތިޖާޖު ވެސް ކުރައްވާފައިވާނެ ކަމަށް، އޭރު ނައިފަރު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި މަސައްކަތްކުރެއްވި ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާދޭސްކުރިން، އިހުތިޖާޖު ކުރިން ރައްޔިތުންގެ މަޖިލީހުގައި، ހެޔޮ ނުވާނެއޭ، ހެޔޮ ނުވާނެއޭ، ފައިސާ ޗާޕު ނުކުރާށޭ. ތަކެތީގެ އަގުބޮޑުވާނެއޭ، ކިރު ދަޅުގެ އަގުބޮޑުވާނެއޭ، ނެޕީގެ އަގު ބޮޑުވާނެއޭ، ފެންފުޅީގެ އަގުބޮޑުވާނެއޭ އަޅުގަނޑުމެން ދެއްކިން. އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ އެ ވާހަކަދެއްކީ. ރައީސް މި އިންނެވީ އެންމެ ކުރީ ސަފުގައި މަގުމަތީގައި ހުންނެވީ. މި ވާހަކަތައް އަޅުގަނޑުމެން ދެއްކީ. އަޑެއް ނޭއްސެވި. އެއްފަހަރު ޗާޕުކުރީ، ދެން ވިދާޅުވީ ދެން ޗާޕުކުރަން އަންނަ އިރުގައި އެބޭފުޅުން އެ ލާރިއަށް ހެދި ގޮތެއް ތިމަންނަ ބަލާފައި ނޫނީ، އެ ރިޕޯޓު ބަލާފައި ނޫނިއްޔާ ދެވަނަ ފަހަރަކަށް ޗާޕުކުރާކަށް ނުދޭނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ އަކުރުތަކެއް ސަސްޕެންޑުކޮށްގެން އޭރުގެ ސަރުކާރުން ފައިސާ ޗާޕު ކުރި ކަމަށާއި ފުރަތަމަ އެއް އަހަރަށް ސަސްޕެންޑުކުރުމަށްފަހު އެއް އަހަރުވުމުން އަލުން ފޮނުވުމުން ވެސް މަޖިލީހުން ހުއްދަ ދިން ކަމަށެވެ.
"އެއް އަހަރުވީމާ އަނެއްކާ ސަރުކާރުން ފޮނުވި އިރު، އެއްވެސް ރިޕޯޓެއް ބެލުމެއްނެތި، ހަރަދުކުރީ ކޮން ކަމަކަށްތޯ ބެލުމެއް ނެތި އަނެއްކާވެސް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރަން ހުއްދަދެއްވީ ކޮން ބޭފުޅެއްތޯ، އެއްކަލަ ރައީސް ނަޝީދު. ތާހިރެއް ނޫންތޯ މިއަދު މި ވާހަކަތައް ދައްކަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ޑޮލަރުގެ އުނދަގޫ ހާލަތު އައިސްފައިވަނީ، އޭރު ފައިސާ ޗާޕުކުރުމުން ކަމަށާއި ރުފިޔާ ޗާޕުކުރީމާ ރުފިޔާގެ އަގު ދަށްވާނެ ކަމާއި، ރުފިޔާ އިތުރުވާނެ ކަމާއި، ރުފިޔާތައް ޑޮލަރެއްގެ ފަހަތުން ދުވާނެ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި މިހާރު އެބޭފުޅުން އިދިކޮޅުގައި ތިބެގެން ޑޮލަރުގެ އަގު އަރައިގެން ދިޔަ ވާހަކަ ދެއްކެވުމަކީ ބޮޑު ޖޯކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް