މަޝްރޫއުތައް ކިތައްމެ ބިޔަވެފައި އަގު ކިތައްމެ ބޮޑު ނަމަވެސް، ދިވެހީންގެ ދީނާއި ސަގާފަތާއި މިގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް ނުވަތަ އިންވެސްޓުމަންޓަކަށް މި ސަރުކާރުން މަރުހަބާ ނުކިޔާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް، ސަރުކާރާ ދެކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް މިއަދު ވިދާޅުވީ، އެއީ ގައުމީ ކަމެއްނަމަ އެންމެ ކުރީގައި ހުންނެވީސް ކަމަށެވެ.

"އެކަމަކު ރޭ ފެނިގެން މިދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ގެ ކެންޕެއިން ލޯންޗު ކުރި މަންޒަރު. މީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާޒާތުގެ ކަންކަމެއް ނޫން. ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ގައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަވެރިކަމެއް ކުރައްވާ ރައީސްކަން ޔަގީން،" ޝިޔާމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެެރިންނާ ހިލާފަށް ރައީސް ޑރ. މުއިއްޒަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް ރާއްޖެ އާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވާ އަދި މައުނަވީ ގޮތެއްގައި އެންމެ ބޮޑު އިހުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން އިލްތިޒާމު އުފުލަން ޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން މީގެކުރިން ރައްޔިތުން ކުރެން އަހާނުލައި، ކުރައްވައިގެން ތިއްބެވި ބޭފުޅުން މިއަދު ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދީން ހިމާޔަތް ކުރަން ގޮވާލިޔަސް ރައްޔިތުންނަށް އެބޭބޭފުޅުންގެ ސިޔާސީ ފަތިފުށާއި ނިޔަތް އެނގޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެބޭފުޅުން ހާސިލްކުރައްވަން ބޭނުންފުޅުވަނީ އެންމެ ކަމެއް. އެއީ ސިޔާސީ މަގުސަދު ދިވެހީންގެ ދީނާ، ސިޔާދަތާ މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވާ އެކަންކަން ދިފާއުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ އަޅުގަނޑުމެން. އޭގެ އެއް މިސާލަކީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިޔަން ޑޮލަރު އަޅުގަނޑުމެން ދައްކައި ދަރަނީގެ ދަންތުރައިން ގައުމާ ރައްޔިތުން ސަލާމަތް ކޮށްފިން. ކްރެޑިޓް ރޭޓިން އެޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފި. ނަތީޖާއެއްގެ ގޮތުން މިއަދު ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް މިސްރާބު ޖަހައިފި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ވާދަވެރިން ބޭނުންވަނީ މިރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން އަވައްޓެރިންނާއި ދުނިޔެ ކުރިމަތީ ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު އަމާޒު ހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި އަބުރުވެރި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވައި 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހައްދަވަން ކަމަށްވެސް ވިދާޅުވިއެވެ.

އީގަލް ހިލްސް އިން ޝައުގުވެެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީހު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫއު ކަމަށާއި މިއީ ރާއްޖޭގެ އިގުތިސޯދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުންތަކަށް އުޖާލާކަން ގެނުވާނެ އުއްމީދީ މަޝްރޫއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.