ޅ. ފެލިވަރުގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ކޯލްޑް ސްޓޯރޭޖު ފެސިލިޓީގެ މަސައްކަތް ނިންމައި މިއަހަރުގެ މަސްވެރިންގެ ދުވަހަށް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، އުމްރާނީ ގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ، މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން އަތޮޅުތަކުގެ ހަތް ރަށެއްގައި 11،000 ޓަނުގެ މަސް ރައްކާ ކުރެވޭ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ގާއިމުކުރުން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މީގެތެރެއިން އެންމެ ބޮޑު އެއް މަޝްރޫއަކީ، ފެލިފަރުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ ކަމަށާއި އެތަނުގައި 4000 ޓަނުގެ މަސް ރައްކާ ކުރެވޭ ފެސިލީޓީއެއް ގާއިމް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފެސިޓީގެ މަސައްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް މިހާރު މަސައްކަތް ހަލުވި ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އެ މަޝްރޫއުގެ 82 ޕަސެންޓްގެ މަަަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ މުޅި މަސައްކަތް ނިމި މިއަހަރުގެ މަސްވެރިންގެ ދުވަހަށް ސްޓޯރޭޖް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަސައްކަތެއް ކަމުން އެ މަސައްކަތް ދާގޮތް ބެލުމަށް ދާދިފަހުން އެ ފެސިލިޓީއަށް މިނިސްޓަރު ކުރެއްވި ދަތުރުގައި އިންޑިއާ ސަފީރު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ފެލިވަރުގެ އިތުރުން ކޫއްޑޫގައި ވެސް 4000 ޓަނުގެ ފެސިލިޓީއެއް، ގދ. ތިނަދޫ އާއި ހއ. އިހަވަންދޫގައި 1000 ޓަނު، މ. މުލަކުގައި 500 ޓަނު ކ. ކަނޑުއޮތްގިރި އާއި ތ. ހިރިލަންދޫގައި 200 ޓަނުގެ ފެސިލިޓީއެެއް ގާއިމް ކުރުން އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.