ތ. ވިލުފުއްޓާއި ހދ. ނޮޅިވަރަންފަރާއި ހދ. ހަނިމާދޫ ހައުސިން ޔުނިޓް ތަކުގެ މަސައްކަތްތައް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަންއާއި އެސްޖޭ ޓްރޭޑުން ޖޮއިންޓް ވެންޗާކޮށް ހުށަހެޅި ބިޑުތައް ބަލައި ނުގަތުމަށް ނޭޝަނަލް ޓެންޑަ ބޯޑުން ނިންމީ ގޯސްކޮށްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، ވިލުފުށީގައި ފަށާފައިވާ 64 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގައި އިތުރު 36 ހައުސިން ޔުނިޓު އިމާރާތްކުރުމަށާއި، ނޮޅިވަރަންފަރުގައި ފަށާފައިވާ 100 ހައުސިން ޔުނިޓް ނިންމުމަށާއި، ހަނިމާދޫގެ 100 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއި އެސްޖޭ ޓްރޭޑުން ޖޮއިންޓް ވެންޗަކޮށް ހުށަހެޅި ބިޑުތައް ބަލައި ނުގަތް މައްސަލައެކެވެ.
އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ފެބްރުވަރީ 2021 ގައި ކަމާބެހޭ މިިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ޖޮއިންޓް ވެންޗާކޮށް އެ ފަރާތުން ބިޑުތައް ހުށަހެޅިއެވެ.
ނަމަވެސް އެ ބިޑުތަކުގައި އެމްޕްލޯޔާސް ރިކުއާމެންޓްއާއި ފައިނޭންޝަލް ރިސޯސަސް ރިކުއާމެންޓް ފުރިހަމަ ނުވާކަމަށް ނިންމައި، ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑުތައް ޑިސްކޮލިފައި ކުރިއެވެ. އެސްޖޭއިން އެމައްސަލަ ބީލަމުގެ މައްސަލަ ބަލާ ރިވިއު ކޮމިޓީއަށް ހުށަހެޅިއެވެ.
އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު، ވިލުފުށީ ހައުސިން ޔުނިޓް ތަކާބެހޭ ބިޑް ޑޮކިއުމަންޓަކީ ޝަރުތު ހަމަވާ އަދި ބަލައިގަންނަންޖެހޭ ޑޮކިއުމަންޓެއްކަމަށާއި، އެ ބީލަންތައް އަލުން އިވެލުއޭޓްކުރުމަށް ނޭޝަނަލް ޓެންޑާއަށް އެންގިއެވެ.
މީގެ އިތުރުން ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކާބެހޭ ގޮތުންނާއި، ހަނިމާދޫ ހައުސިން ޔުނިޓްތަކާބެހޭ ގޮތުން ހުށަހެޅި ބީލަންތައް އަލުން އިވެލުއޭޓް ކޮށްގެން ކުރިއަށް ގެންދިއުމަށްވެސް ނޭޝަނަލް ޓެންޑާ ކޮމިޓީއަށް އެންގިއެވެ.
ނަމަވެސް ޓެންޑަ ބޯޑުން ބުނީ އެ ބޯޑުން ނިންމި ނިންމުން ބަަދަލު ކުރެވެން ނެތް ކަަމަށެވެ.
މިކަމާ ގުޅިގެން އެސްޖޭއިން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެސްޖޭއިން ހުށަހެޅި މައްސަަލައިގައި ބުނެފައިވަނީ، ބީލަންތައް އަލުން އިވެލުއޭޓްކޮށް ޓެންޑާ އެވޯޑް ކުރުމަށް ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް ނޭޝަނަލް ޓެންޑާ ބޯޑުން އަމަލުކޮށްފައިނުވާ ކަމަށެވެ.
މި މަައްސަލަ ބަލައި ސިވިލް ކޯޓުންކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާއި އެސްޖޭ ޓްރޭޑްއަކީ ފައިނޭންޝަލް ރިސޯސަސްއާއި އެމްޕްލޯޔާސް ރިކުއަމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއްކަމަށް ކަނޑައަޅައ،ި އެފަރާތްތަކުގެ ބިޑަކީ ފައިނޭންޝަލް ރިސޯސަސްއާއ،ި އެމްޕްލޯޔާސް ރިކުއަމަންޓް ފުރިހަމަވެފައިވާ ބިޑެއްކަމަށް ބަލައިގެން، ދޭއް ޖެނުއަރީ 2022 އިން ފެށިގެން 20 ދުވަސް ތެރޭގައި އެފަރާތުގެ ބިޑް ރ-ީ އިވެލިއޭޓްކޮށް، އިވެލުއޭޓްކޮށް ނިންމާފައިވާ ބިޑްތަކާއި، އެސްޖޭގެ ބިޑުގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.
މީގެ އިތުރުން ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކުގެ މައްސަލައިގައި ޓެންޑަ ބޯޑާއި ޕްރޮކިއުމަންޓް އޮފިސަރާއި، ރިވިއު ކޮމިޓީން އަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށްކަމަށް ކަނޑައަޅައި އެ ބީލަމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަންއާއި އެސްޖޭ ޓްރޭޑަށް ގެއްލުމެއް ލިބިފައިވާ ނަމަ، ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށްވެސް ސިވިލް ކޯޓުންވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ވިލުފުށީގެ 64 ހައުސިން ޔުނިޓާއި 36 ހައުސިން ޔުނިޓުގެ މަސައްކަތަށް ހުށަހެޅި ބީލަން ޓެންޑާ ބޯޑުގެ އިވެލުއޭޝަންގައި ނުހިމެނުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނަމަ، ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެސްޖޭއަށް ލިބިގެންވާކަމަށްވެސް ކޯޓުުން ކަނޑައެޅިއެވެ.
ނަމަވެސް ސިވިލްކޯޓުގެ މި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި ދައުލަތުން އެދުނީ، އެސްޖޭއަކީ ފައިނޭންޝަލް ރިސޯސް ރިކުއަމެންޓާއި، އެމްޕްލޯޔާސް ރިކުއަމެންޓް ފުރިހަމަނުވާ ފަރާތެއް ކަމުގައި ނޭޝަނަލް ޓެންޑާބޯޑުން ކަނޑައަޅާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބީލަމުގެ ދައުވަތާ އެއްގޮތަށްކަމަށް ކަނޑައަޅައި ހުކުމްކޮށްދިނުމަށެވެ.
ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކާބެހޭ ގޮތުން ހުށަހެޅި ބީލަމް މައްސަލައިގައި ދައުލަތުން އެދުނީ އެ މައްސަލައާބެހޭ ގޮތުން ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެސްޖޭއަކީ ފައިނޭންޝަލް ރިސޯސް ރިކުއަމެންޓާއ،ި އެމްޕްލޯޔަސް ރިކުއަމެންޓް ފުރިހަމަނުވާ ފަރާތެއްކަމަށް ޓެންޑާ ބޯޑުން ކަނޑައެޅީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބީލަމުގެ ދައުވަތާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން ވިލުފުށި ހައުސިން ޔުނިޓުގެ ބީލަން ޓެންޑަ ބޯޑުގެ އިވެލުއޭޝަންގައި ނުހިމެނުމުގެ ސަބަބުން އެސްޖޭއަށް ގެއްލުމެއް ލިބިފައިވާ ނަމަ، ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެސްޖޭއަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާ ބައި އުނިކުރަންވެސް ދައުލަތުން ހައިކޯޓުގައި އެދުނެވެ.
ނަމަވެސް ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމް ކުރީ، މި މައްސަލަތަކުގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމްތަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަަމަށް ކަނޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް