ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ކެބިނެޓުގެ ތިން މިނިސްޓަރަކު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ އެތެރެއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކައިލް ނަސީމަށް ތާއީދު ހޯއްދެވުމަށް އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ކޯލިޝަން އެއްބަސްވުމެއްގެ ދަށުން ކަމަށް ވިޔަސް، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ފަހު ޕާޓީގެ އެތެރޭގެ މަސްލަހަތު ބަދަލުވެ، ސަރުކާރަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ރައީސް ނަޝީދަށް އަޅުގަނޑުމެންގެ އެބަ އޮތޭ އެގްރީމަންޓެއް. އެޔަކު ނެތޭ އެ ވާހަކައެއް. އެހެނެއް ނޫނޭ އަޅުގަނޑުގެ ދައުރު ނިމުނީމަ އެ އަށް ދެވިދާނެއޭ. އެކަމަކު އެއީ ގަބޫލުކުރެވޭ ކަމަކަށް ނުވި އެ ބޭފުޅާއަށް އެވަގުތު. ދެން އެ ހިޔާލު ތަފާތުވުމުގައި އެ ދަތީގައި އަޅުގަނޑު ސަރުކާރު ހިނގަމުންދިޔައީ،" ސޯލިހު ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް، ޕާލިމެންޓްރީ ގްރޫޕު ސަރުކާރާ ވަކިން ހިންގުމަށް ބައެއް ބޭފުޅުން ބޭނުންވި ކަމަށާއި، މަޖިލީހުގެ ތެރެއިން ސަރުކާރަށާއި އެމަނިކުފާނަށް އަމާޒުކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، އޭރު އޮތް އިދިކޮޅު ޕާޓީއަށް ވުރެ ބޮޑަށް އެމްޑީޕީގެ އެތެރެއިން ސަރުކާރު ފަލީހަތްކުރަން މަސައްކަތް ކުރިކަމަށް ސޯލިހު ވިދާޅުވިއެވެ.
"ހަގީގަތުގައި އޭރު އޮތް އޮޕޮޒިޝަނަށް ވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާލުމަށްޓަކާ އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު މަސައްކަތްކުރި. އެ ދަތީގައި އަޅުގަނޑު މަސައްކަތް ފެށީ." ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ރިފަރެންޑަމަކަށް ގޮސް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ބޮޑުވަޒީރުކަން ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އޭރު ކުރި ދިރާސާތަކުން ބަރުލަމާނީ ނިޒާމަށް އޮތީ އެންމެ 20 ޕަސަންޓް ތާއީދު ކަމަށް ވާތީ، އެފަދަ ނާކާމިޔާބު ވެދާނެ ކަމަކަށް އިންތިހާބުގެ ކުރިން ދިއުމަކީ ރިޔާސީ އިންތިހާބު ގެއްލިދާނެ ކަމެއް ކަމަށް ދެންނެވި ނަމަވެސް އެކަން ގަބޫލުފުޅު ނުކުރެއްވިކަމަށް ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭރު ކުރި ދިރާސާތަކުން ފެންނަނީ ބަރުލަމާނީ ނިޒާމަށް އެންމެ ތާއީދު ބޮޑުވިޔަސް ލިބޭނީ 20 ޕަސެންޓު ވަރުކަމަށް. މިހެން އޮތް ކަމެއްގައި ނާކާމިޔާބުވާނެ ކަމެއްގައި ރިޔާސީ އިންތިހާބުގެ ކުރިން ގޮސް އެ ނާކާމިޔާބާއެކު ރިޔާސީ އިންތިހާބަށް ގޮސްފި ނަމަ، ކަނޑައެޅިގެން ރިޔާސީ އިންތިހާބު ގެއްލޭ ތަނޭ ފެންނާނީ،" ސޯލިހު ވިދާޅުވިއެވެ.
"އަނެއްކާ ވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން. ހިނގާށޭ މި ދައުރު ނިންމަން. އޭގެ ފަހުގައި ރައްޔިތުން ގާތަށް ދާނީއޭ،"
މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެކުގައި މަސައްކަތް ކުރުމަށް އައި ޝަރުތުތަކުގެ ތެރޭގައި ބަރުލަމާނީ ވޯޓު ނެގުމާއި ތިން މިނިސްޓަރަކު ވަކިކުރުން ހިމެނޭ ކަމަށް ރައީސް ސޯލިހު ހާމަކުރެއްވިއެވެ. އަދި އެގޮތަށް ވަކިކުރަން އެދުނު މިނިސްޓަރުންގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހިމެނޭކަމަށް ސޯލިހު ވިދާޅުވިއެވެ.
އިންޑިއާ ސިފައިންނާއި ކަނޑުގެ މައްސަލައިގައި އިދިކޮޅުން ފެތުރި ދޮގު ވާހަކަތަކަށް ސަރުކާރުން އެކަށީގެންވާ ޖަވާބު ނުދެވުމަކީ ބޮޑު ގޯހެއްކަމަށް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް، އެ ނާކާމިޔާބީގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަމިއްލަފުޅަށް ކަމަށާއި، އެކަން އެހެން މީހެއްގެ ބޮލުގައި އަޅުވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ 2028 ގެ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެމްބަރުން ގޮވައިގެން ކުރިއަށްދާނެ ލީޑަރަކު އިންތިހާބު ކޮށްގެން ކަމަށެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު