ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ހުށަހެޅީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް 23 މެންބަރުންނާއެކު އޭނާ މަސައްކަތް ކުރައްވަމުންދާތީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒަކީ އެ މަނިކުފާނުގެ އަރިސް ބޭފުޅުންނަށް ބޭވަފާތެރިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ" ނަޝީދު ވިދާޅުވިއެވެ.

ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، މި މައްސަލައިގެ ބަހުސަށް ޖުމްލަ 60 މިނެޓު ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓު އަދި މެންބަރުންގެ ބަހުސަށް 50 މިނެޓެވެ.

ރައީސް މުއިއްޒު ވަނީ މީގެ ކުރިން ނާޒިމް އެ މަނިކުފާނުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ.