މުދާ އެތެރެކުރުމަށް ފައިސާ ފޮނުވުމާއި، ޔުޓިލިޓީ ބިލްތައް ދެއްކުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ، ވިޔަފާރިތަކުން ލިބޭ އާމްދަނީއާއި ފައިދާ އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދުވަހެއް ދުވަހަކަށް ރާއްޖޭގެ އިގުތިސޯދު ހަލާކުވަމުންދާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ، ރައްޔިތުންނާއި ވިޔަފާރިތައްވަނީ ބޮޑު ތާށިކަމެއްގެ ތެރޭގައި ކަމަށެވެ.

"ވިޔަފާރިވެރިންނަށް ތާށިވެއްޖެ. ތަކެއްޗެއް އެތެރެއެއް ނުކުރެވޭ. ޓީޓީއަކަށް ފައިސާއެއް ނުކެނޑޭ. އެ މީހުންގެ ވިޔަފާރިތަކުގެ ނަފާ މާބޮޑަށްވެސް ދަށަށް ހިނގައްޖެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ބޭރުގެ ދަރަނި އަދާކުރަމުން ދަނީ އެއްވެސް ދުރުވިސްނުމެއް ނެތި، ދައުލަތުގެ ހުރި ހުރިހާ ޑޮލަރެއް އެއްފަހަރާ ހުސްކޮށްލައިގެން ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެއިން ޑޮލަރު މުޅިން ހުސްވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން އެންގުމަށްފަހު، އެ އަދަދު 20 އާއި 40 ޕަސެންޓަށް ބަދަލުކޮށް، އެކަން ވެސް ނުވުމުން ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ޖީއެސްޓީ ހޯދަން އުޅެގެންވެސް ސަރުކާރަށް އެއްވެސް މަންފާއެއް ނުވިކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ތަފުސީލާއި، ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހަށްވެސް ސާފުނުވާ ކަމަށާއި، ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރަމުންނުދާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގްބޫލުކަން ގެއްލި، މުޅި ގައުމު އިގުތިސޯދީ ފުން އަނދަވަޅަކަށް ވެއްޓެމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ވެރިކަމަކުން ރައްޔިތުންނަށް ފާގަތިކަމެއް ނުހޯދައިދެވޭނެކަމަށް ވިދާޅުވެ، ރައްޔިތުންގެ ހައްގުގައި އަލުން އެމްޑީޕީގެ ވެރިކަމެއް ގާއިމުކޮށްދޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.