ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ރާވާފައިވާ ބިޔަ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލައްވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިން އިރު ކުރެވުނު ތަޖުރިބާގެ އަލީގައިކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލޭގައި މިރޭ ބޭއްވި "އަހާބަލަ" މުޒާހަރާގައި ނަޝީދު ވިދާޅުވީ ގައުމުގެ މިސްރާބު އެއްކޮށް ބަދަލުވެގެންދާ ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. އަދި 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެމަނިކުފާނުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) 25 އަހަރަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް ކަމަށާއި، އެއީ ހެދުނު ބޮޑު "ގޯހެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ބަހެއް ނެތި ކުރާ އެއްވެސް ކަމަކުން ކާމިޔާބީއެއް ނުލިބޭނެކަން މާޒީގެ ތަޖުރިބާއިން ސާފުވާ ކަމަށެވެ. އެހެންކަމުން، ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަންވާނީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައިކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ތަޖުރިބާގައޭ އަޅުގަނޑު މި ހުރީ މި ތަނަށް އައިސް، އަޅުގަނޑުމެންނަށް އެނގެޔޭ ރައްޔިތުން ގާތުގައި ނާހާ ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ" ނަޝީދު ވިދާޅުވިއެވެ.

ރެޒިޑެންސީ ޕްރޮގްރާމުތައް ހިންގުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އެކަށީގެންވާ ބިން އޮތްއިރު، މާލެ ކައިރީގައި އެފަދަ މަޝްރޫއެއް ހިންގުމަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ބޭނުންވާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ނަޝީދު ވަނީ ދައުވަތު ދެއްވާފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން ބައެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

ނަޝީދުގެ ސަރުކާރުން ޖީއެމްއާރާއެކު ވީ އެއްބަސްވުން، 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ބާތިލުކުރުމާ ގުޅިގެން، އޭރު ނަޝީދު ވަނީ އެ އެއްބަސްވުމުގެ ދިފާއުގައި ވާހަކަދައްކަވައި، އެއާޕޯޓު އަތުލުމަކީ އިގްތިސޯދަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.