ސަފާރީއަކުން ޑައިވިނަށް ދިޔަ މީހާ މަރުވެފަ އޮތްވާ ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅައަކުންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 13:45 އެހާކަންހާއިރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި ވަނިކޮށް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ މީހުންނަކީވެސް އިޓާލީއަށް ނިސްބަތްވާ ފަތުރުވެރިންކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އެމްއެންޑީއެފަށްވެސް އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 13:45 އެހާކަންހާއިރު ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރްސީސީ)ން، އެ މީހުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެ މަސައްކަތުގައި ވ. އަތޮޅު ޕޮލިސް ސްޓޭޝަން އަދި އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް ފުލުހުން ބުންޏެވެ.

"އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދު 18:13 ހާއިރު މޫދު އަޑިންނެވެ. އެ މީހާގެ ހަށިގަނޑު މިހާރުވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. މި ހަށިގަނޑު ފެނިފައިވަނީ ގާތްގަޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. އެމްއެންޑީއެފުން ބުންޏެވެ.

މިއީ ވަރަށް ނުރައްކާތެރި ހައިރިސްކު އޮޕަރޭޝަނަކަށްވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް އާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.