ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެހެން މީހުން ބެހެންޖެހޭ ކަންކަން ނޫން ކަމަށާއި، ނަމަވެސް ނޫސްވެރިން ހައްޔަރުކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު މިހާރު ކުރައްވަމުންދާ ކެމްޕޭނުގެ ތެރެއިން މިރޭ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް ފިޔަވަޅު އަޅައި، ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ މައްސަލައިގައި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން އަޅުގަނޑުމެން ބެހެން ޖެހޭ ކަންކަމެއް ނޫން. އެއީ ޒާތީ ކަންކަން. އެ ކަންކަމަކާ އަޅުގަނޑުމެން އަޅާލާކަށް ނެތިން،" ނަޝީދު ވިދާޅުވިއެވެ.

"ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ. ކަންބޮޑުވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް، އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަންނާތީ"

ސުވާލެއް ކުރުމުން އެއަށް ޖަވާބު ދިނުމުގެ ބަދަލުގައި ނޫސްވެރިން ހައްޔަރުކުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މިނިވަންކަމާއެކު ހިޔާލުފާޅުކުރުމަކީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ އިގްތިސާދާއި ރައްޔިތުންގެ ތަނަވަސްކަމާވެސް ގުޅިފައިވާ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ނެތް ނަމަ، ގައުމުގައި ހިންގާ މަޝްރޫއުތައް ނުބައި ގޮތަކަށް ހިންގުމުގެ ފުރުސަތު ބޮޑުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފާޑު ނުކިޔުނީމާ ނުބައި ޕްރޮޖެކްޓް، ނުބައި ގަޑީގައި، ނުބައި ތަނުގައި، ނުބައި އަގުގައި، ނުބައި މީހެއް ލައްވާ މި ހެއްދެނީ،" ނަޝީދު ވިދާޅުވިއެވެ

ރައްޔިތުންގެ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރައްވާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ސަބަބުން ޖަލަށްލީ ނަމަވެސް ނުވަތަ އަދަބެއް ދިން ނަމަވެސް، ހައްގު ބަސް ބުނުމުގައި ދެމިހުންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.