ބްރެޒިލުން ވޯލްޑް ކަޕަށް ދާ ސްކޮޑުގައި ނޭމާގެ ނަން ހިމެނުމަކީ މުހިއްމު ކަމެއް ކަމަށާއި، ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ފެންނަން ޖެހޭނެ ޕްލެޓްފޯމެއް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
އަނިޔާގެ ކޮންމެވެސް ވަރެއްގެ ހާސްކަމެއް ނޭމާއަށް އަދިވެސް އޮތް އިރު، އޭނާ ބްރެޒިލްގެ ފައިނަލް ސްކޮޑަށް ނަގާނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ދާދިފަހުން ބުނެފައި ވަނީ ނޭމާ ނަމަވެސް ގައުމީ ޓީމަށް ނަގާނީ ފުލްކޮށް ފިޓްވެ، އެކަށީގެންވާ ފެންވަރުގައި ކުޅެގެން ކަމަށެވެ.
ނޭމާގެ ކުޅުން ބަލައި، ސްކޮޑަށް ނެގޭ ވަރުވޭތޯ އެންޗެލޮޓީ ބަލަމުންދާ އިރު، ނޭމާއަށް އެކަން ސާބިތުކޮށްދޭން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ނޭމާއަކީ ބްރެޒިލްގެ ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ. އޭނާ ވަނީ 79 ގޯލް ގައުމީ ޓީމަށް ޖަހައިދީފައެވެ. އެހެން ނަމަވެސް، 2023 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ނޭމާ އަދި ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. އެއީ ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެ.
ކުރިން ބާސެލޯނާގައި ނޭމާއާއެކު ކުޅުނު މެސީ ބުނެފައި ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ފެންނަން ޖެހޭ މުބާރާތެއް ކަމަށާއި، ކޮންމެ ފޯމެއްގައި ނަމަވެސް ނޭމާ ފެނުން މުހިއްމު ކަމަށެވެ.
" އަހަރެމެން ބޭނުންވަނީ ވޯލްޑް ކަޕުން އެންމެ މޮޅެތި ކުޅުންތެރިން ފެންނަން. ނޭމާއަކީ އޭގެން އެއް ކުޅުންތެރިޔާ. ކޮންމެ ފޯމެއްގައި ނޭމާ ހުއްޓަން އެއީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ،" މެސީ ބުނެފައިވެއެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް، އާޖެންޓީނާއާއެކު ކާމިޔާބުކުރި މެސީ އިތުރަށް ބުނީ ނޭމާއަކީ ބްރެޒިލް ފުޓުބޯޅައިގެ އައިކަންއެއް ކަމަށާއި، އޭނާ ވޯލްޑް ކަޕުން ފެނުން ވެގެންދާނީ ހިތްހަމަ ޖެހުމަކަށް ކަމަށެވެ. އަދި ބްރެޒިލަކީ އަބަދުވެސް ވޯލްޑް ކަޕްގެ ފެވަރިޓެއް ކަމަށް މެސީ ބުނެފައިވެއެވެ.
ނޭމާ
ނޭމާ
ނޭމާ