ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޖަޕާނާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުގައި ނޭމާ އިތުރަށް ބޭނުން ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ނިންމާލީ ބަލި ނުވެއެވެ. މޮރޮކޯ ކައިރިން އެއްވަރުވި ނަމަވެސް އޭގެފަހުން ސްކޮޓްލޭންޑާއި ހެއިޓީ ކައިރިން ފުރިހަމަ ދެ މޮޅު ހޯދައި ބްރެޒިލުން ފޯމު އަޅުވާލާފައިވާ އިރު، ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 15 މިނެޓަށް ނޭމާވެސް ކުޅެން ނުކުމެފައިވެއެވެ.
އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ނޭމާ އެ ހާލަތުގައި ހުރި ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން ފިޓްވާނެ ކަމަށް ލަފާކޮށް ކޯޗު އެންޗެލޮޓީ ނޭމާ ނެގުމުން އެކަމަށް ފާޑުކިޔުންވެސް އަމާޒުވިއެވެ.
ނޭމާ، ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗަކީ 2023 ވަނަ އަހަރު އޮކްޓޯބަރު މަހަށްފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.
"ނޭމާގެ ފަރާތުން އެބަ ފެނޭ ކުރިއެރުންތަކެއް. އެންމެފަހުން މެޗުގައި 15 މިނެޓް ކުޅެވުނު ނަމަވެސް، ޖަޕާނާ ދެކޮޅަށް އެއަށްވުރެ ގިނަ ވަގުތު ނޭމާ ބޭނުންކުރެވޭނެ،" އެންޗެލޮޓީ ފާހަގަކުރިއެވެ.
ބްރެޒިލުން މިފަހަރު ޖަޕާނާ ދެކޮޅަށް ނުކުންނަނީ އެންމެފަހުން ދެގައުމުން މިދިޔަ އޮކްޓޯބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި 3-2 އިން ބަލިވެފައި އޮވެގެންނެވެ. އޭރުވެސް ކޯޗަކީ އެންޗެލޮޓީއެވެ.
"އެ މެޗުން އެނގުނު ޖަޕާނަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުކަން. އެއީ ތަޖުރިބާއެއް. އެހެންވީމަ ޖަޕާނު މެޗަކީ ފައިނަލެއް ކަމަށް ދެކިގެން، ފުރިހަމަ އިހުތިރާމުވެސް ދީގެން ނުކުންނާނީ. އަހަރެމެން ރަނގަޅު މައިންޑްސެޓެއްގައި ނުކުންނަން ޖެހޭނީ ހުރިހާ ހާލަތަކަށްވެސް ތައްޔާރުވެގެން. އެއީ އިތުރު ވަގުތާއި ޕެނަލްޓީއަށްވެސް ތައްޔާރުވެގެން،" އެންޗެލޮޓީ ބުންޏެވެ.
ބްރެޒިލާއި ޖަޕާނުން މިރޭ ކުޅޭ މެޗަކީ މެޗު ކުޅޭ ހިއުސްޓަންއަށް މެންދުރު ގަޑީގައި ކުޅޭ މެޗެކެވެ. މިއީ ބްރެޒިލަށް އެ ގަޑީގައި ކުޅެން ޖެހޭ ފުރަތަމަ މެޗެވެ. އެންޗެލޮޓީ ބުނީ އެއީ މައްސަލައަކަށް ނުވާނެ ކަމަށާއި، އެއީ އާއްމުކޮށް ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދާ ގަޑި ކަމަށެވެ.
ބްރެޒިލާއި ޖަޕާން ވާދަކުރާ ގަދަ 32 ގެ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް