ބްރެޒިލް ވޯލްޑް ކަޕުން ކެޓުމާއެކު ނޭމާ، ގައުމީ ޓީމާ ދުރަށް ޖެހިލަން ވިސްނާފައިވާ ކަމަށް އޭނާ އިޝާރާތް ކޮށްފިއެވެ.

ނޭމާ މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑަށް ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މޭ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ނޭމާ އެ ހާލަތުގައި ހުރި ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން ފިޓްވާނެ ކަމަށް ލަފާކޮށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ނޭމާ ސްކޮޑަށް ނަގައިފައެވެ. އެކަމަށް ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ.

ނޭމާ މިފަހަރު ގައުމީ ޓީމަށް ނުކުތީ 2023 ވަނަ އަހަރުން ފެށިގެން ނުކުޅެ ހުރުމަށްފަހުއެވެ. މިފަހަރު މުބާރާތުގެ މެޗުތަކުގައި ބަދަލަކަށް ނޭމާ ދެފަހަރު ނުކުމެފައިވާ އިރު، ރޭ ނޯވޭ ކައިރިން 2-1 އިން ބަލިވި މެޗުގައިވެސް ނޭމާ ކުޅެފައިވެއެވެ. އެމެޗުގެ ފަހު ވަގުތު ޕެނަލްޓީގައި ނޭމާ ގޯލްވެސް ޖަހާފައިވެއެވެ.

"އަހަރެން ކުރެވުނު ވަރެއް ކޮށްފިން. ކުރެވުނު ކަމެއް ކޮށްފިން. އެކަން ނިމުނީމި. އަހަރެން ފެށީ މިތަނުން، ނިމުނީވެސް މިތަނަށް،" އުމުރުން 34 އަހަރުގެ ނޭމާ ބުންޏެވެ.

އެމެރިކާގެ ނިއު ޖާޒީގެ ސްޓޭޑިއަމަކީ ނޭމާ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނު ދަނޑެވެ. އެއީ 2010 ވަނަ އަހަރުގައެވެ.

ނޭމާއަކީ ގައުމީ ޓީމަށް 130 މެޗުން 80 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. މިފަހަރު ވޯލްޑް ކަޕުން ބްރެޒިލް ގަދަ 16 އިން ކެޓި އިރު، މިއީ 1990 ވަނަ އަހަރަށްފަހު ގައުމީ ޓީމުގެ އެންމެ ދަށް ވޯލްޑް ކަޕެވެ.