ފަތިހުގެ ވަގުތުތަކުގައި ސިނަމާލެ ބްރިޖު ސަރަހައްދަށް ކަސްރަތަށްދާ އަންހެނަކަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް ފުރައްސާރަކުރަމުން ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:00 ހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން ބުނި ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން، ފުރައްސާރަ ރައްދުވި އަންހެންމީހާ ވަނީ އެ އަމަލު ހިންގި ކަމަށް ބުނާ ފިރިހެންމީހާއާ މަގުމަތިން ސުވާލުކޮށް، އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ކަސްރަތަށް ނުކުމެ އުޅުނު ފިރިހެންމީހާ ކައިރިއަށް ގޮސް އަންހެންމީހާ ބުނެފައިވަނީ، ވޭތުވެދިޔަ ތިން މަސް ދުވަހު އޭނާ ކަސްރަތަށް ނުކުންނަ ކޮންމެ ފަހަރަކު ފަހަތުން އައިސް ފުރައްސާރަކުރަމުންދާ ކަމަށާއި، ދެން އެކަމުގައި ކެތްކޮށްގެން މަޑުން ނުހުންނާނެ ކަމަށެވެ. އަދި އޭނާގެ މި އުނދަގޫތަކާ ހުރެ ބްރިޖު މަތީގައި ހަމަޖެހިލައިގެން ހިނގާލުމުގެ މިނިވަންކަން ގެއްލިފައިވާކަމަށްވެސް އަންހެންމީހާ ބުނެއެވެ.

އަންހެންމީހާގެ ސުވާލުތަކާ ކުރިމަތިލާން ޖެހުމުން، އެ ފިރިހެންމީހާ "ސޮރީ" އޭ ބުނުމަށްފަހު ފުރަތަމަ ބާރަށް ހިނގާފައި ގޮސް، ފަހުން ދުވެފައި އެ ސަރަހައްދު ދޫކޮށްދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އަންހެންމީހާ ބުނި ގޮތުގައި، ފުރައްސާރައިގެ މި އަމަލުތައް ހައްދުފަހަނައަޅައި ދިއުމުން އޭނާ ފުރަތަމަ ގުޅީ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 އަށެވެ. އަދި ފުލުހުންގެ އިރުޝާދުގެ ދަށުން، މިއަދު ހެނދުނު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ރަސްމީކޮށް ބަލައިދިނުމަށް އެދިފައެވެ.