ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، އެމެރިކާގެ ފެޑެރަލް އޭޖެންޓުން މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް ފްލޮރިޑާއިން ހައްޔަރުކޮށްފިއެވެ.

ކެލިފޯނިއާގެ ސެންޓްރަލް ޑިސްޓްރިކްޓްގެ ޔޫއެސް އެޓާނީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ހުށަހެޅި ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. ފަސްޓް އެސިސްޓެންޓް ޔޫއެސް އެޓާނީ ބިލް އެސައިލީ ވިދާޅުވީ، އުމުރުން ހަގު އަންހެން ކުދިންތަކަކާއެކު ތޯމަސް މާކަލް ހުއްޓައި ނަގާފައިވާ އޮރިޔާން ފޮޓޯތައް ހިމެނޭހެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ.

މި މައްސަލައިގެ 14 ސަފުހާގެ ލިޔުންތަކާ ހަވާލާދީ ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޭޖެންޓުން ވަނީ ތޯމަސް މާކަލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ގުދަނެއް ބަލައި ފާސްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ހިމެނޭ ކަމަށް ޝައްކުކުރެވޭ ފިލްމު ނެގެޓިވްތަކާއި، ސްލައިޑްތަކާއި ފޮތްތައް ހިމެނޭހެން ގާތްގަނޑަކަށް 78 އައިޓަމް އެ ތަނުން ވަނީ ހިފަހައްޓައިފައެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، 2008ވަނަ އަހަރުން ފެށިގެން މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް އެ ތަންތަނަށް ކުލި ދައްކަމުން ދިޔައީ އޭނާއެވެ. މި މައްސަލައިގައި ފްލޮރިޑާގެ ޓެމްޕާގައި ހުންނަ ފެޑެރަލް ކޯޓަށް އިއްޔެ އޭނާ ހާޒިރުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުށް ސާބިތުވެއްޖެނަމަ އޭނާއަށް މަދުވެގެން 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ ކުރިން މިދިޔަ އޮކްޓޫބަރު މަހު ތޯމަސް މާކަލް ޖޫނިއާ ވަނީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް ބުނެ، ޑިޖިޓަލް އާލާތްތަކެއް ފިލިޕީންސްގެ ފުލުހުންނާ ހަވާލުކޮށްފައެވެ. އެ ގައުމުގެ ފުލުހުންގެ މޭޖާ ޖެނެރަލް ވިލްސަން އަސުއެޓާ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، އެ ތަކެތިން ކުޑަކުދިންގެ އޮރިޔާން ވީޑިއޯތަކެއް ފެނުނު ނަމަވެސް، އޭގައި ފިލިޕީންސްގެ ކުދިންނެއް ނުހިމެނެއެވެ. އަދި އެ ތަކެއްޗަކީ ތޯމަސް މާކަލްގެ ތަކެތިކަން ނުވަތަ އެ ވީޑިއޯތަކުން ފެންނަނީ އޭނާކަން އަދި ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.