ރާއްޖެއަށް އެތެރެކުރި 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ، ޔުތިޝް ރާޖް ރާޖަން، (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް، (24އ) އެވެ.

ފުލުހުން ބުނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެ މީހުން ހައްޔަރު ކުރީ ރާއްޖެ އައި އިރު ގެނައި ޑްރަގާ އެކު ކަމަށެވެ.

އެ މީހުން ފުލުހުންނާ ހަވާލުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކަސްޓަސްއިން އިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.