ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބާސެލޯނާއާއި ލިވަޕޫލް ކަޓުވާލައި، ޕީއެސްޖީއާއި އެތުލެޓިކޯ މެޑްރިޑް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިފަހަރު އެތުލެޓިކޯއިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ނުވަ އަހަރު ފަހުންނެވެ. އެތުލެޓިކޯއިން މިފަހަރުގެ ސެމީއަށް ދިޔައީ އެގްރިގޭޓް 3-2 ގެ ނަތީޖާއަކުން ވާދަވެރި ބާސާ ބަލިކޮށްގެންނެވެ.
ބާސާއިން ރޭގެ ދެވަނަ ލެގު، ރަށުން ބޭރުގައި 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުތްއިރު އެތުލެޓިކޯއިން އޮތީ ފުރަތަމަ ލެގު، 2-0 އިން ކާމިޔާބު ކޮށްފައެވެ. ދެލެގުގައިވެސް ބާސާއަށް ރަތް ކާޑަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭގެ މެޗުގެ 79 ވަނަ މިނެޓުގައިވެސް އެރިކް ގާސިއާއަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.
ބާސާއިން ރޭގެ ދެވަނަ ލެގު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ދެވަނަ މިނެޓުގައި ލަމީން ޔަމާލަށް ފުރަތަމަ ފުރުސަތު ލިބިގެން ގޮސްފައިވާ އިރު، އޭގެ ދެމިނެޓު ފަހުން ލިބުނު ބޯޅައިގައި ގޯލް ޖެހިއެވެ.
ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިން ފެރާން ޓޮރެސް، މެޗުގެ 24 ވަނަ މިނެޓުގައި ބާސާއަށް އެގްރިގޭޓް އެއްވަރު ކޮށްދިން އިރު، އެއީ ފާމިން ލޮޕޭޒްގެ ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލަށް މާގިނައިރެއް ނުވެ، އެތުލެޓިކޯއިން އަނެއްކާވެސް އެގްރިގޭޓް ލީޑު ނެގިއެވެ. އެ ގޯލަކީ މާކޮސް ލޮރެންޓޭގެ ބޯޅައަކަށް އަރައި އަޑެމޯލާ ލުކްމަން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުންވެސް ބާސާއިން ހިތްވަރުކުރި އިރު، މެޗު ނިމިނިމި އޮއްވާ ރޮނާލްޑް އަރައޫހޯއަށް ލިބުނު ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުކުރެވުނެވެ.
ޕީއެސްޖީން ލިވަޕޫލް ކަޓުވާލީ، 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގާއި ދެވަނަ ލެގުވެސް ޕީއެސްޖީން ކާމިޔާބުކުރީ 2-0 އިންނެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ އިރު، މެޗުގެ ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް މެޗުގެ ކުރިން އޭނާ ބުނަންވެސް ބުންޏެވެ. އެހެން ނަމަވެސް ޕީއެސްޖީން މެޗުގެ ކުރީކޮޅުގައިވެސް ކޮންޓްރޯލް ކުރިއެވެ.
ހަވީޗާ ކަވަރަޓްސްޝޭލިއާގެ ހަމަލާއެއް ޖިއޯޖީ މަމަޑޭޝްވިލީ މަތަކުރި އިރު، އަނެއްކޮޅުން އެލެކްސެންޑާ އިސާކަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ އިރުކޮޅެއް ފަހުންވެސް އުސްމާން ޑެމްބެލޭ ނުރައްކާ ކުރި އިރު، މެޗުގެ ދެ ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ.
ދެ ގޯލްވެސް ޑެމްބެލޭ ކާމިޔާބު ކޮށްދިން އިރު، މިދިޔަ ސީޒަނުގައިވެސް ލިވަޕޫލް ކަޓުވާލީ ޕީއެސްޖީންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު