ސަރުކާރުން ދެން ކުރަންވީ ކަމަކީ ރައްޔިތުންގެ އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީން ވަނީ އެ ދެ އިންތިހާބު ކާމިޔާބުކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ކުރި ހޯދިފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުންނެވެ.
ސޯލިހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އިންތިހާބުގެ ނަތީޖާއިން އެނގެނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރުމަށް ރައްޔިތުން ބޭނުންވެފައިވާކަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން،" ސޯލިހު ވިދާޅުވިއެވެ.
އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރި އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އެ ޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނުވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ދަންނަވައިފައެވެ.
ކައުންސިލް އިންތިހާބުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ނަގައިފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީން ވަނީ އެ އިންތިހާބު ކާމިޔާބުކޮށްފައެވެ.
ފެންނަ ނުފެންނަ ވޯޓުން މިހާތަނަށް ގުނިފައިވާ ވޯޓުން ދައްކާގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް 70 ޕަސަންޓް މީހުން ވަނީ ނޫނެކޭ ބުނެފައެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ 30 ޕަސަންޓު މީހުންނެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު