ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ތަށީގެ ރޭހުގައި މުހިއްމު މޮޅެއް ހޯދި އިރު، މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ބާސާއިން އިއްޔެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރަޔޯ ވެލެކާނޯ ބަލިކުރީ 1-0 އިންނެވެ. އަދި ޑާބީގައި ރެއާލުން އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ފަހު ހާފުގައި ރެއާލްގެ ފެޑެރީކޯ ވަލްވާޑޭއަށް ދެއްކި ރަތް ކާޑާއެކު ރެއާލަށް ފަހު 15 ވަރަކަށް މިނެޓް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ބާސާއިން ހޯދި މޮޅާއެކު އެޓީމު އަދިވެސް އޮތީ އެއްވަނައިގައެވެ. އެއީ 29 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ރެއާލެވެ. އެއީ 29 މެޗުން 69 ޕޮއިންޓާއެކުގައެވެ.

ބާސާއިން ޖެހިޖެހިގެން ފަސްވަނަ މޮޅެއް ހޯދުމަށް އިއްޔެ ކުރި މަސައްކަތުގައި އެޓީމުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ރޮނާލްޑް އަރައޫހޯއެވެ. އެއީ ފުރަތަމަ ހާފުގައި ކުރިއަށް ޖެހި އޭނާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

މެޗު ވެގެން ދިޔައީ ބާސާއަށް އުނދަގޫ މެޗަކަށެވެ. ކުރީކޮޅުގައިވެސް ވަލެކާނޯއިން ނުރައްކާ ކޮށްފައިވާ އިރު، ކާލޮސް މާޓިންގެ ނުރައްކާތެރި ހަމަލާ މަތަކުރީ ބާސާގެ ކީޕަރު ޖޮއާން ގާސިއާއެވެ.

އޭގެފަހުން ދެވަނަ ހާފުގައިވެސް ހަމަލާތައް ފެނުނު އިރު، ބާސާއިން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. އެގޮތުން ރަފީނިއާއާއި ލެމީން ޔަމާލްގެ ހަމަލާތައްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ރެއާލާއި އެތުލެޓިކޯގެ ކުރިމަތިލުން ރޭ ފެނުނީ ވާދަވެރިކޮށެވެ. 33 ވަނަ މިނެޓުގައި އެޑެމޯލާ ލުކްމަންގެ ގޯލުން އެތުލެޓިކޯ ލީޑު ނަގާފައިވާ އިރު، ހާފު ނިމުނީ އެ ނަތީޖާއާއެކުގައެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި ރެއާލުން ދެ ގޯލް ޖެހި އިރު، އޭގެ ތެރެއިން ފުރަތަމަ ގޯލަކީ ވިނީޝިއަސް ޖޫނިއާ ޖެހި ޕެނަލްޓީއެކެވެ. އަނެއް ގޯލް ވަލްވާޑޭ ކާމިޔާބުކޮށްދިން އިރު، 66 ވަނަ މިނެޓުގައި ނަހުއެލް މޮލީނޯގެ ހިތްގައިމު ގޯލަކާއެކު އެތުލެޓިކޯ އެއްވަރުކުރިއެވެ.

އުނދަގޫ ހާލަތެއްގައި މެޗު ނިންމާލަން ޖެހުނު ރެއާލް މޮޅުވި ގޯލްވެސް ޖެހީ ފޯމުގައި ހުރި ވިނީޝިއަސްއެވެ.