ވެރިކަން ހިންގާ، ޕީއެންސީއާ ގުޅިގެން އަދާލަތު ޕާޓީން މަސައްކަތްކުރުމަށް ކޯލިޝަން ހަދައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ދައުރުގެ ބާކީ އޮތް ދުވަސްތަކަށް ޕީއެންސީއާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރަން މަސައްކަތްކުރަން ޕީއެންސީއާއެކު އަދާލަތުން ސޮއިކުރީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޕީއެންސީގެ ލީޑާޝިޕާއި ރައްޔިތުންގެ މަޖިލިސް މެންބަރުން އަދި އަދާލަތުގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

16 ނޮވެމްބަރު 2026، އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އަދާލަތުގެ ރައީސް މުހައްމަދު ޝިފާން -- ފޮޓޯ/ ޕީއެންސީ

ކޯލިޝަން އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި އަދާލަތުގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ.

އަދާލަތުން ޕީއެންސީއާއެކު މަސައްކަތްކުރަން ނިންމާފައިވަނީ ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީއަށް ރައީސް މުއިއްޒު ދައުވަތުދެއްވުމާ ގުޅިގެންނެވެ.

އެ ދައުވަތާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

16 ނޮވެމްބަރު 2026، އަދާލަތުން ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ޕީއެންސީ

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއިދުކޮށް މަސައްކަތް ކުރާނެ ކަމަށް ގަރާރުގައިވެއެވެ. ގަރާރުގައި ބުނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީ އޮތީ އެ ސަރުކާރާއެކު ކޯލިޝަންގައެވެ. އޭގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.

ދާދިފަހުން އަދާލަތުން ވަނީ، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއަށް ވެސް ތާއީދުކޮށްފައެވެ.