ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމީ ދެ ޕާޓީގެ އަސާސީ ސިޔާސަތުތައް އެއްގޮތްވުމުން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ މި ނިންމުމަކީ ޕާޓީގެ އިލްމުވެރިންނާއި މަޝްވަރާ މަޖިލީހާއި އަތޮޅުތެރޭގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދީނީ ކަންކަން ހަރުދަނާކުރެއްވުމާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެއްވުމާއި އިގުތިސާދު ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެއްބާރުލުން ދެއްވުމުގެ މަގުސަދުގައި ސަރުކާރާ ގުޅިވަޑައިގެންނެވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތާއި ވަގުފުގެ ނިޒާމު ހަރުދަނާކުރުމަކީ އަދާލަތުން އަބަދުވެސް ވަކާލާތުކުރާ ސިޔާސަތުތައް ކަމަށާއި، އެ ކަންކަން މި ސަރުކާރުން ތަންފީޒުކުރަމުން ގެންދާކަން ޝިފާން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ތައުލީމީ ނިޒާމަށް ގެންނަވާ ބަދަލުތަކާއި ހާފިޒުންނާއި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުތަކަކީ ރައްޔިތުންނާއި ޕާޓީން ބަލައިގެންފައިވާ ސިޔާސަތުތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރުވެސް ބޭރު ފަރާތަކަށް މިލްކުނުކުރެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށާއި، މި އަސާސީ ސިޔާސަތުގައި ދެ ޕާޓީ އޮތީ އެއް ވިސްނުމެއްގައި ކަމަށެވެ.

"ދައުލަތުގެ ދަރަނި ދެއްކުމާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، ރައްޔިތުންގެ ފުދުންތެރިކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްތަކަށް އަދާލަތު ޕާޓީގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަޅުގަނޑު އަރުވަން،" ޝިފާން ވިދާޅުވިއެވެ.

މި ކޯލިޝަންގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ފެށުމަށް ވަނީ ނިންމައިފައެވެ.