ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ބުއްދިވެރިން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ބޮޑު ބައި ހޭލުންތެރި، ވިސްނުންތެރި ރައްޔިތުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކީގައި ކަމަށެވެ.
އިސްލާމްދީނުގެ އަސާސްތައް ދެމެހެއްޓުމުގެ މަގުސަދުގައި އުފެދުނު، ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީ، އަދާލަތުން މި ސަރުކާރުގެ ބާކީ ދެ އަހަރާއި 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާއެކު މަސައްކަތްކުރަން އެއްބަސްވުމަކީ ރައްޔިތުންގެ ހިތުގައި މި ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއް ކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މާދަމާއަކީ ޕީއެންސީ ސަރުކާރަށް ތިން އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވައި، މި ކޯލިޝަނާއެކު މަސައްކަތް އިތުރު ގިއަރަކަށް ބަދަލުވެގެންދާ ކަމަށް ވިދާޅުވިއެވެ.
ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ފެހި ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ރަތް ރޮނގު ދަންމަވާލެއްވި ކަމަށާއި، ޑިޕްލޮމަސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމުކުރައްވައި، ދާހިލީ ހަމަޖެހުމާއި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި ދުލުން ގައުމާއި ދީނަށްޓަކައޭ ބުނުމަކުން ނުފުދޭ. ގައުމީ މަސްލަހަތު ކުރިއަށް ނެރެންޏާ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިސްކަންދޭން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީން އަބަދުވެސް އެންމެ ފުރަތަމަ އިސްކުރާނީ ގައުމު ކަމަށް ފާހަގަކުރައްވައި، ހަގީގަތް އޮޅުވާލައި ފިތުނަ ފެތުރުމަކީ ގައުމަށް އިހުލާސްތެރިވުން ނޫން ކަމަށާއި، ރައްޔިތުން ބޭނުންވާ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ހޯދެން އޮތީ އާ ވިސްނުމާއި ފިކުރު ބޭނުންކޮށް، ގައުމާއި ދީނަށް އިހުލާސްތެރިވެގެން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް