ހަގީގަތް އޮޅުވައިލައިގެން ގައުމުގައި ފިތުނަ އުފެއްދުމަކީ ގައުމަށް އިހުލާސްތެރިވުން ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އަދާލަތު ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އެހެން ވިދާޅުވެފައިމިވަނީ، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ އަސާސްތައް ދެމެހެއްޓުމުގެ މަގުސަދުގައި އުފެދުނު ދުވަސްވީ ސިޔާސީ ޕާޓީއަކުން ޕީއެންސީ ސަރުކާރާ ގުޅުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ހިތުގައި އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ. ވެރިކަމަށް ތިން އަހަރު ފުރެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ވެވުނު މި އެއްބަސްވުމުން، ޝައްކާއި ވަހުމުގައި ބަޔަކު ތިއްބެއް ކަމަކު، ގައުމުގެ ގިނަ ރައްޔިތުން ތިބީ ރައީސްގެ ސިޔާސަތުތައް ގަބޫލުކޮށް ތާއީދުގައިކަން ދައްކުވައިދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު 2028 ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަކީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ފެހި ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ސިފަކުރައްވައި، މިނިވަންކަމާއި އިސްތިގުލާލުގެ ރަތް ރޮނގު ހުރަސްކުރަން އެ މަނިކުފާނު ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވިއެވެ.
"ހަގީގަތް އޮޅުވާލައި، ތިމާމެންގެ މަސްލަހަތު ކުރިއަށްނެރެ، މުޅި ގައުމުގައި ފިތުނަފަސާދަ އުފައްދަން މަސައްކަތްކުރުމަކީ އެއީ ގައުމަށް އިހުލާސްތެރިވުމެއް ނޫން، އެއީ ގައުމަށް ތެދުވެރިވުމެއް ވެސް ނޫން، އެއީ ގައުމަށް ވަފާތެރިވުމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަމިއްލަ އެދުން ފަސްކޮށް ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ ހަމައެކަނި ދުލުން ގައުމާއި ދީނޭ ބުނުމަކުން ނުފުދޭ ކަމަށާއި، އާ ވިސްނުންތަކާއި ފުރުސަތުތައް ހޯދައިގެން ތަރައްގީގެ މަގުގައި ކުރިއަށް ދާންޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕީއެންސީ ސަރުކާރުގެ ބާކީ އޮތް ދެ އަހަރާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން މަސައްކަތްކުރާނެއެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް