ލާމަރުކަޒީ ނިޒާމަކީ ހަގީގަތުގައި މިހާރު ވެރިކަން ކުރަމުންދާ ޕީއެންސީގެ ނިޒާމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ އަބްދުﷲ ހަމީދު ކަމަށެވެ. އޭގެ ފަހުން އިލްޔާސް އިބްރާހިމްވެސް ލާމަރުކަޒީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރިކަމަށް ސަލީމް ވިދާޅުވިއެވެ. އެއަށްފަހު ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ލާމަރުކަޒީ ނިޒާމު ގާއިމުކުރުމަށްޓަކާ ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް ސަލީމް ވިދާޅުވިއެވެ.
"އެހެންވީމާ، ފުރަތަމަ ލާމަރުކަޒީ މި ނަންވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ރައީސް މައުމޫނުގެ ދޫފުޅުން. މިނަންވެސް އެނގިގެން ދިޔައީ. އޭގެ ކުރިން މި ނަމަކީ ރާއްޖޭގެ މީހުން ދަންނަ ނަމެއް ނޫން. ލާމަރުކަޒީ ނިޒާމުގެ ނަމަކީވެސް. އެހެންވީ މިހެން އޮތް އެއްޗެއް މީ ތިމަންނާމެންގެ އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކާއިރުގަ މި މީހުން ލަދުގަންނަން ޖެހޭނެ" ސަލީމް ވިދާޅުވިއެވެ.
"މި މީހުންނަކީ (އެމްޑީޕީ) އަކީ އެއްވެސް ހާލެއްގަ މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން. މީމާކުރިން ހަމަޖެހި ނިމިފަ އޮތް ކަމެއް. އެހެންވީމާ ހަގީގަތުގަ މި ނިޒާމަކީ މިއަދު މިވެރިކަން ކުރާ (ޕީއެންސީ) ޕާޓީގެ ނިޒާމެއް. އެއްގޮތަކަށްވެސް މިއަކީ އެމްޑީޕީގެ ނިޒާމެއް ނޫން"
ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފަންކުރި އެ ޕާޓީގެ ދަރިއެއްކަމަށް ބުނެ އެމްޑީޕީން ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"އެމްޑީޕީ މީހުން ވަރަށް ފަސޭހައިން ބުނަމުން އަންނަ ވާހަކައެއް މީ ތިމަންނަމެންގެ ނިޒާމެކޭ، ތިމަންނަމެންގެ ދަރިއެކޭ. މީ އެއްގޮތަކަށްވެސް އެހެން އައިކަމެއް ނޫން. މިކަމަކީ ރައީސް މައުމޫނުގެ ދުވަސްވަރުގަ ހަގީގަތުގަ މިކަން ފެށިގެން އައީ" ސަލީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަވަޑައިގެން ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ނަޝީދު މަސައްކަތް ކުރެއްވީ ލާމަރުކަޒީ ނިޒާމު ފުނޑާލަންކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ހަތް ބަޔަކަށް ބަހާލައި ކޮންމެ އަތޮޅަކަށް، ޕްރޮވިންސަކަށް މީހަކު ލައިގެން، ޕްރޮވިންސް ހަދައިގެން، ނަޝީދު ދިޔައީ ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރައްވަމުންކަމަށް ސަލީމް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެކަން ކުރާނެ ފުރުސަތެއް ނުލިބުނު ދެ އަހަރު ބައިގެ ތެރޭގައި ޖެހުނީ އިސްތިއުފާ ދީފަ ދާން. އެހެންވީމާ އަޅުގަނޑުމެން ދަންނަވަން މިއޮތީ މިކަމަކީ ހަގީގަތުގަ އަޅުގަނޑުމެން މި ޕާޓީގެ ކަމެކޭ. ލާމަރުކަޒީ ނިޒާމު ދެންވެސް ފުރިހަމަ ކުރާނީ މި ޕާޓީންނޭ" ސަލީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް