ކުރިއަށް އޮތް ހުރިހާ ބައި-އިލެކްޝަންތަކެއްގެ އިތުރުން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ފަސޭހަކަމާއެކު ކާމިޔާބުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި ސަލީމް ވަނީ މީދޫއަށް ވަޑައިގެންފައެވެ.

ސަލީމް "އެމްއެމްޓީވީ"އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މީގެ ކުރިން ބޭއްވި ބައެއް އިންތިހާބުތަކުގައި ޕީއެންސީން އެދޭ ފަދަ ނަތީޖާއެއް ނުނެރެވުނީ އެ ދުވަސްވަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނަށް ސަމާލުކަން ދޭން ޖެހުމުން ކަމަށެވެ. ނަމަވެސް އެއީ ރައީސަށާއި ޕާޓީއަށް އޮތް ތާއީދު ކުޑަވުން ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލު އިންތިހާބުގައި އަޅުގަނޑުމެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރިއިރުގައި ފެންނަ ނުފެންނަ ވޯޓުގައި، މިދެއެއްޗާއެކު މަސައްކަތްކުރުމުގެ ނަތީޖާއަކީ ކޮންމެެވެސް މިންވަރެއްގެ އުނިކަން އައުން. އެހެންނޫން ނަމަ، 80 ޕަސެންޓް ނަގާނެ. މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ސަލީމު ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީއެންސީން މިހާރުވެސް ތައްޔާރުވަމުންދާ ކަމަށާއި، އެ އިންތިހާބު އެއްވެސް ކޯލިޝަނަކާ ނުލައި ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.