ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.

އެ މަގާމަށް ސަލީމް އިންތިހާބު ކުރީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އެ މަގާމަށް ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދާ ވާދަ ކުރައްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވީ އިއްޔެއާ ހަމައަށް އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު ނާޒިމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވީ، ގާނޫނާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުދާ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނެންގެވުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުމުގެ ތުހުމަތު ކުރައްވައި، އެ މަގާމުން ނާޒިމު ވަކިކުރަން އަމިއްލަ ޕާޓީ، ޕީއެންސީގެ ފަރާތުން 73 މަޖިލިސް މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހުގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިއޮއްވައެވެ.

އެކަމާ ގުޅިގެން މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، މަޖިލީހުގެ ނާއިބު ރައީސްކަމަށް އިންތިހާބު ކުރަން މެންބަރު ސަލީމްގެ ނަން ހުށަހަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މެންބަރު ޒިޔާދުގެ ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ. ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ސަމީރުއެވެ.

މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް މެންބަރު ސަލީމް އިންތިހާބު ކުރީ، މި ކަމަށްޓަކައި ނެގި ސިއްރު ވޯޓުގައި 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ސަލީމްއާ ވާދަކުރެއްވި މެންބަރު ޒިޔާދުއަށް ލިބިވަޑައިގަތީ 10 މެންބަރުންގެ ވޯޓެވެ. ބާތިލު ދެ ވޯޓު ހިމެނެއެވެ.

މަޖިލީހުގެ ނާއިބު ރައީސް އިންތިހާބު ކުރަން ނެގި ސިއްރު ވޯޓު ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުން ނެގި ފަސް މެންބަރުންގެ ހާއްސަ ކޮމިޓީއަކުންނެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައިގެން ފާސްކުރި އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ:

މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު

ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާނު އަބޫބަކުރު