މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއްކަމަށް ބުނެ އެމްޑީޕީ ސަރުކާރުން، ރައްޔިތުންގެ އަތުން ޓެކްސްއެއް ނަގަން އުޅުނު ކަމަށާއި، އެކަން ހުއްޓުވީ އެއިރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އެ ޓެކްސް ނެގުމަށް ނިންމައި އޭރުގެ ކެބިނެޓުންވަނީ އެކަމާ ގުޅޭ ލިޔުންތަކެއް ސިޓީ ކައުންސިލާ ހިއްސާކޮށްފައި ކަމަށެވެ.
"އެމްޑީޕީ ވެރިކަމުގެ ތެރޭގައި އުޅުނޭ މާލޭގެ ރައްޔިތުންގެ އަތުން ނުވަތަ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކްސްއެއް ނަގަން. މީ ކެބިނެޓުގަ މަޝްވަރާ ކުރެވުނުކަމެއް. އެ ޓެކްސްއަށް ކިޔަން އުޅުނީ ' ކޮންޖެޝަން ފީ'. ކެބިނެޓުގަ މަޝްވަރާކުރެވުނު ޕޭޕަރެއް މާލޭ ސިޓީ ކައުންސިލާ ހިއްސާ ކުރެއްވި" ޝުޖާއު ވިދާޅުވިއެވެ.
"ރައީސް މުއިއްޒު އަޅުގަނޑު ގާތު އެދުނީ މިކަމަށް އެބަޖެހެޔޭ ތިމަން މަނިކުފާނުގެ ވިސްނުމާ އެއްގޮތަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްފަ، އަޅުގަނޑުމެން މިކަމާ ދޭތެރޭގަ ފުންކޮށް ވިސްނަން. އެގޮތުން މާލޭގެ ރައްޔިތުންގެ އަތުން އެމްޑީޕީ ސަރުކާރުން ނަގަން އުޅުނު މި ބޮޑު ޓެކްސް އެ މަނިކުފާނު ހުއްޓުވައިދެއްވި"
ޝުޖާއު ވިދާޅުވީ ކޮންޖެޝަން ފީއަކީ މާލޭ ރައްޔިތުން، މަގުތަކަށް ދައްކާ ޓްރާންސްޕޮޓޭޝަން ފީގެ އިތުރުން ނަގަން އުޅުނު އިތުރު ފީއެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ވިސްނުމަކީ މާލޭގައި އުޅަނދު ދުއްވާތީ އެކަމަށް ވަކިން ފީއެއް ނެގުންކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މިކަން ހުއްޓުވީ ވަރަށް ހިކުމަތްތެރިކަމާއެކީގަ ދުނިޔޭގެ ކޮންޖެސްޓެޑް ސިޓީތަކުގަ މިކަން އޮތްގޮތް ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ އަދި އަޅުގަނޑުމެންގެ އިއްޒަތެރި މެންބަރު ޒަމީރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރައީސް މުއިއްޒު އިސްވެ ޕޭޕަރެއް ތައްޔާރުކުރައްވާ މާލެ ސިޓީގެ ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންނާ އަދި މާލޭގެ ރައްޔިތުން ގަނޑުކޮށް މި ޓެކްސް ނުނެގޭނެކަމަށް އެ މަނިކުފާނު ވަކާލާތު ކުރައްވާ، އެ މަނިކުފާނު ބަސް އިއްވި ހިސާބުން ފެށިގެން ހަގީގަތުގަ މި ޓެކްސް މާލޭގެ ރައްޔިތުންގެ އަތުން ނުނެގިގެން ދިޔައީ" ޝުޖާއު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ގަބޫލުކުރެއްވީ މާލެއަކީ ތޮއްޖެހިފައިވާ ސިޓީއަކަށްވާ ނަމަ، އެ ފީ ނަގަން ވާނީ ވަކި ހާލަތްތަކުގަ އަދި އާންމުކޮށް ތޮއްޖެހޭ ސަރަހައްދުތަކުން ވަކި ވަގުތެއްގައިކަމަށް ޝުޖާއު ވިދާޅުވިއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަންކުރާގޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް