ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 100،000 އިން މައްޗަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކާގޮތުގައި މިވަގުތު ޕީއެންސީގެ މެންބަރުންގެ އަދަދަކީ 100،083 މެންބަރުންނެވެ. އެއާއެކު އެ ޕާޓީ ވެފައިވަނީ ރާއްޖޭގެ ތާރީހުގައި އެއް ލައްކައަށް ވުރެ ގިނަ މެންބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީއަށެވެ.

މި ކާމިޔާބީ ފާހަގަކޮށް ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ލީޑާޝިޕަށް އަދި އާންމު މެންބަރުންނަށް ވަނީ ތަހުނިޔާ ފޮނުވައިފައެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރެވުނީ ޕާޓީގެ ރައީސްގެ ސިޔާސަތުތަކާއި ސަރުކާރު ހިންގެވުމުގެ މިސްރާބާ މެދު ރައްޔިތުންގެ ހިތުގައި އޮތް ޔަގީންކަމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ވަނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހާއްސަ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްއާ ހަމައަށް ވެސް ގިނަ އަދަދަކަށް މެންބަރުން އެ ޕާޓީއާ ގުޅުނެވެ. އޭރު މެންބަރުންގެ އަދަދު ވަނީ 79،000 އަށްވުރެ މައްޗަށް އަރައިފައެވެ.

ޕީއެންސީ ފުރަތަމަ ފާހަގަވެގެންދިޔައީ ޕީޕީއެމްގެ ދަށުން އުފެދުނު ޕާޓީއެއްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވުމާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައި ޕާޓީއަކަށް ޕީއެންސީ ވެގެންދިޔައެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެސް ޕީއެންސީ ވެގެންދިޔައެވެ.