ރާއްޖެއަށް ޓޫރިސްޓުން ނުފޮނުވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގައުުމުތަކުގައި އެދެމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ހަލީލް ވިދާޅުވީ، ރާއްޖެ ބަދުނާމު ކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށާއި، އެކިއެކި ޖަމިއްޔާތަކަށް ރާއްޖެއާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފޮނުވަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ބައެއް ބޭފުޅުން ހަގީގަތުގަ މި ދަންނަވަނީ، ބައެއް ބޭފުޅުން ވިދާޅުވެފަ އެބަހުރި ތިމަންނާމެންނަށް ހިސާބަށް އައިސްފަ އެބައޮތޭ، ރާއްޖެއަށް ޓޫރިސްޓުން، ތި ގައުމުން ފޮނުވުން ހުއްޓާލަދޭށޭ. ކިހާ ނުބައި ވާހަކައެއްތޯ މި ދައްކަނީ. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ގޭގަ މި ތިއްބެވި، އަޅުގަނޑުމެންގެ މައިންނާއި، ދަރިންނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާކޮޅު ހުއްޓުވާލާ ވާހަކައޭ ބޭރު ގައުމުތަކަށްވެސް ގޮސްފަ މި ދައްކަނީ،" ހަލީލް ވިދާޅުވިއެވެ.
"އެ ގައުމުތަކުން އެ ބުނަނީ ރާއްޖޭގެ ތަރައްގީއަށް ކަލޭމެން ތި ފަންޑުކުރާ ކުރުން ހުއްޓާލާށޭ. އެކަމަކު ﷲ ވާގިފުޅާއެކު އަޅުގަނޑުމެން ގޮސް ތެދު ކިޔައިދިނީމާ، މި ހުރިހާކަމެއް ނަފީވެގެންދޭ"
މީގެ އިތުރުން ހަލީލް ވިދާޅުވީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ، އެކަމާ ގުޅޭގޮތުންވެސް އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތަކެއް ބޭރުގެ އެކިއެކި ފަރާތްތަކަށް ކިޔައިދެމުންދާ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ ވަރަށް ޝަކުވާވެސް އެބަހުއްޓޭ. އަޅުގަނޑު އަހައިފިން ކޮންކަމަކާހޭ، މީގެތެރެއިން ބޭފުޅަކު ވިދާޅުވަނީ ކަލޭމެން ތި އިންތިހާބުތައް ގަޑުބަޑުކޮށް އެއްކޮށްލަނީ ނޫންހޭ. އަޅުގަނޑު ދަންނަވައިފިން ނޫނެކޭ، އަޅުގަނޑުމެން މި އުޅެނީ އިންތިހާބުތައް އެއް ދުވަހެއްގައި އިތުރު އިންތިހާބެކޭ މި އޮންނަނީ،" ހަލީލް ވިދާޅުވިއެވެ.
އެގޮތަށް ވިދާޅުވުމުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ބައެއް މީހުން ދެކޮޅު ހަދަނީ ކީއްވެގެންތޯއާއި އިދިކޮޅު ފަރާތްތަކުން، ރައްޔިތުންގެ ކުރިމައްޗަށް ނުކުތުމަށް ބިރު ގަންނަނީތޯ ބޭރުގެ ފަރާތްތަކުން ސުވާލު ކުރެއްވި ކަމަށް ހަލީލް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން ވެދާނެ ތިހެންކަމަށްވެސް" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާތީ، އެކަމާ ބިރުން ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަން ނުކުރޭ ފަރާތްތަކުން ސިޔާސީ ކަންކަމާ ދުރަށްދާން ޖެހޭ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް