އިދިކޮޅު އެމްޑީޕީން ލާމަރުކަޒީ ނިޒާމުގެ ވާހަކަދައްކާ އިރު، އެމްޑީޕީއަށް ދޭން އޮތް ކްރެޑިޓަކީ އެ ނިޒާމު "ވިހާފައި މަގުމައްޗަށް ދޫކޮށްލުން" ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ކުޅުދުއްފުށި ސިޓީގެ މާލޭ ކެމްޕޭން އޮފީސް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެށީ އެމްޑީޕީން ނޫން ކަމަށެވެ. ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ، ކޮން ގޮތަކުން ބާއޭ މި ބޭފުޅުން މި ވިދާޅުވަނީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެށީވެސް މިބޭފުޅުންނެއް ނޫން. އެބޭފުޅުން އެހެން ވިދާޅުވާ ކަމަށްވަންޏާ އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގަ ވިހާފަ ކަމަށްވަންޏާ، އެހެންވެއްޖެ ކަމަށްވަންޏާ ވިހާފަ މަގުމައްޗަށް ދޫކޮށްލި ނިޒާމެކޭ މި ބޭފުޅުން. މި ނިޒާމަށް އެއްވެސް ވަރަކަށް އަޅާލުމެއް، އެއްވެސް ކަހަލަ މި ކުރިއެރުމެއް، މި ނިޒާމަށް ގެނައުމަށްޓަކާ މަސައްކަތްތަކެއް ކުރެވިފަ އޮތްތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ތިއްބެވި ކައުންސިލަރުން މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގައެއް ނެތް މަންޒަރު ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކައުންސިލްތަކުން. އެހެންނަމަވެސް، ކައުންސިލަރުން އޮފީހުގައި ތިއްބަވައިގެން މަސައްކަތް ކުރައްވާނެ ޖާގައެއް ނެތް. ސަތޭކަ އެތައް ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ އެބަ ކުރައްވާ،" ޝިޔާމް ވިދާޅުވިއެވެ.

ރަށްރަށުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ހުރުމަކީ ރައްޔިތުންގެ ވަރަށް އަސާސީ ބޭނުމެއް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުން އެކަމަށް އަޅާނުލުމުގެ ސަބަބުން، މި ސަރުކާރުން ވަނީ އެތައް ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ފަށައިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އިތުރުން އާމްދަނީ ހޯދޭނެ އެއްވެސް ނިޒާމެއް ކުރިން އޮތީ ގާއިމުނުކޮށްކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއަށް ރަށްރަށް އިތުރުކޮށް، މާލީ ގޮތުން ބާރުވެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އޮތީ ހަމައެކަނި ނަމެއްގައި ކަމަށާއި، މަސައްކަތް ކުރާނެ ޖާގައެއް ނުވަތަ ބަޖެޓެއް ނޯންނަ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައު އެ ކޮމިޓީތައް ބާރުވެރިވެ، ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ވަޒީފާއެއް އަދާކުރާ، ރަނގަޅު މުސާރައެއް ލިބޭ ބޭފުޅަކަށް ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މުސާރަ ރަނގަޅުވުމުން ތައުލީމީ ގާބިލު ބޭފުޅުން އެ މަގާމުތަކަށް ލިބި، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ. މިއީ ހަގީގީ ލާމަރުކަޒީ ވިސްނުމަކީ،" ޝިޔާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތާއީދުކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް، ނުވަތަ "ދޫންޏަށް" ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.