މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ޕީއެންއެފްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ސެނެޓު މެންބަރު އަދި ގާނޫނީ ވަކީލެއް ކަމަށްވާ އާދަމް އާސިފެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރީ ނިންމައި، އެކަން އާންމުކޮށްފައިވަނީ އިއްޔެއެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެނީ އީ-ފާސް މެދުވެރިކޮށް ކަމަށާއި، އަމިއްލަ ގޮތުން ވާދަކުރާ ނަމަ، ތާއީދު އޮތްކަަން ހާމަކުރުމުގެ ގޮތުން އެ މީހަކު ކުރިމަތިލާ އިންތިހާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 50 މީހުންގެ ތާއީދު ހޯދަންވެސް ޖެހޭނީ އީ-ޕާސް މެދުވެރިކޮށްކަމަށް އީސީން ވަނީ ނިންމައިފައެވެ.

އާސިފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އީ ފާސް މެދުވެރިކޮށް ނޫން އެހެން ގޮތަަކަށް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް މަގުފަހިކޮށްފައި ނެތުމަކީ އިންތިހާބަށް ކުރިމަތިލުމުގެ ހައްގު ހަނިކުރުން ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހަނިކޮށްފައިވަނީ "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އާ ހިލާފަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަން ޖެހޭ މައުލޫމާތާއި، ތަކެތި ހުށަހަޅަން ޖެހޭ ތަނާއި، ތާރީހު އަދި ވަގުތު އިއުލާނުގައި އޮތުން ލާޒިމުކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކުރި އިއުލާނުގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތުން ދައްކަން ޖެހޭ އީދާރީ ފީ ދައްކަން ޝަރުތުކޮށްފައި ވަނީ އީސީގެ "މައި ޕޯޓަލް" އަށް ކަމަށެވެ.

"އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ގައި އިންތިހާބަށް ކުރިމަތިލުމަށް ފޮނުވާ މައުލޫމާތާއެކު ހުށަހަޅަން ޖެހޭ ތަކެއްޗަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމަށް އާސިފް ވިދާޅުވިއެވެ. އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާން ޖެހޭ ޝަރުތުތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ފަރާތްތައް އަދި އެ ފަރާތްތަކަށް ތާއީދު ކުރާ 50 މީހުންގެ އީ-ފާސް ވެރިފައިޑް އެކައުންޓް ހޯލްޑް ކުރަން ޖެހޭކަން އެ ގާނޫނުން ދަލާލާތު ނުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުންތައް "މައި ޕޯޓަލް" އަށް ހުށަހަޅަން ޖެހޭ ގޮތަށް އީސީން އިއުލާންކޮށްފައިވާ ކަމަށާއި އަދި އަމިއްލަ ގޮތުން ވާދަކުރާ މީހުން 50 މީހުންގެ ތާއީދު ހޯދަން ވާނީ އީ-ފާސް މެދުވެރިކޮށްކަމަށްވެސް އީސީން އިއުލާންކޮށްފައިވާ ކަމަށެވެ.

އީ-ފާސް އެކައުންޓް ބޭނުންކޮށް އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތަކާއި އީދާރީ ފީ ހުށަހެޅުމަށް އީސީން އާންމުކުރި އިއުލާނުގައި ޝަރުތުކުރުމަކީ ހަވާލާދިން ގާނޫނުތަކާ ހިލާފުކަމެއްކަމަށް އާސިފްގެ ފަރާތުން ބަޔާންކުރުމަށްފަހު، އެ ފަދައިން ޝަރުތުކުރުން އެ ގާނޫނުގެ މާއްދާތަކާ ހިލާފުވާގޮތެއް ގާނޫނީ އުސޫލުތަކުގެ އަލީގައި އާސިފްގެ ފަރާތުން ސާފުކޮށްދީފައި ނުވާކަމަށް ރަޖިސްޓްރީ ވިދާޅުވިއެވެ.

އެހެންވެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާވަނީ ނިންމައިފައެވެ.