އިސްލާމިކް މިނިސްޓްރީގެ ހުރިހާ މަޝްރޫއެއް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ހިއްސާ އޮންނަ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ޕީއެންއެފްގެ ޖަލްސާއެއްގައި ދެއްކި ވާހަކަތައް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފިއެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ، މަޝްރޫއުތައް ކުރިއަށް ނުދާ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރެއްވުމުން އެކަމަށް ރައްދު ދެއްވައިފައެވެ. އާރުސީސީއަށް ހުރިހާ މަޝްރޫއެއް ދީފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ޖަލްސާގައި އިސްލާމިކް މިނިސްޓްރީއާއި އާރުސީސީއާ ގުޅުވައިގެން ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި،

އިސްލާމިކް މިނިސްޓްރީން މިހާރު ވެސް 100 އެއްހާ މަޝްރޫއު ކުރިއަށް އެބަގެންދެއެވެ. އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އެކި ކުންފުނިތަކާ ކަމަށް ވެސް ވިދާޅުވިއެވެ.

ހުރިހާ މަޝްރޫއެއް އާރުސީސީއާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ދައްކާފައިވަނީ ދޮގު ވާހަކަތަކެއްކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވީ އާރުސީސީއާ ހަވާލުކޮށްފައިވަނީ އެންމެ ދެ މަޝްރޫއު ކަމަށެވެ. އެ ދެ މަޝްރޫއު ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަންކަން ހިނގާފައިވާ ގޮތް ބެލުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން، މިކަމާ ގުޅުން ހުރި އެންމެހައި މައުލޫމާތެއް އެ ފަރާތަކަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.