ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ޗެމްޕިއަންކަން ބ. އޭދަފުއްޓާއި ތ. ތިމަރަފުށީގެ އިތުރުން ދ. ކުޑަހުވަދޫއާއި ވިލިމާލޭން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރު ނިމި، ޒޯން ބުރުގެ ފައިނަލްތަކާ ހަމައަށް ގޮސްފައިވާ އިރު، ރޭ ވަނީ ހަތަރު ޒޯނެއްގެ ފައިނަލްތައް ކުޅެފައެވެ. ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫން މ. ދިއްގަރު ބަލިކުރީ 6-2 އިންނެވެ.

ޒޯންތަކުގެ ފައިނަލަށް ދާ ޓީމުތަކަށް ގަދަ 16 ޔަގީންވެފައިވީ ނަމަވެސް، ފައިނަލް މެޗު ފޯރިގަދަވެގެންދާ އެއް ސަބަބަކީ ގަދަ 16 ގެ ގުރު ނަގާއިރު، ޗެމްޕިއަނުން ރަނަރަޕްތަކާ ކުރިމަތިލާން ޖެހޭތީއެވެ.

ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫން ތަފާތު ދައްކާފައިވާ އިރު، އެޓީމުގެ ހާރޫން އިބްރާހީމް (ހާންޑޯ) އާއި މުހައްމަދު އަޔާޒް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަދި އޭގެ އިތުރުން ޖުމައިލް ޖަމީލާއި މުހައްމަދު އަރީޝް ވެސް ގޯލް ޖަހައިދިނެވެ.

ދިއްގަރުގެ ގޯލްތައް ޖެހީ މުހައްމަދު އަލީއާއި ހުސައިން ފާރިޝްއެވެ. އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ކުޑަހުވަދޫގެ ހާރޫނެވެ.

https://www.facebook.com/permalink.php?story_fbid=pfbid024wQrPL1aoDGhN8yu8iZ7xDbHCS2X4RbCi3amxWt7up45fa5k7mv97zZG4bEKMbDil&id=61567318384297

އޭދަފުއްޓާއި ކ. ގާފަރު ވާދަކުރި ޒޯން ތިނެއްގެ ފައިނަލް ދިޔައީ ޕެނަލްޓީއަށެވެ. އެމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި އޭދަފުށިން މެޗު ކާމިޔާބުކުރީ 6-4 އިންނެވެ.

މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ގާފަރުންނެވެ. އެ ގޯލްތައް ޖެހީ ފޯމުގައި ކުޅެމުން އައި ޝަނާން ރަޝާދެވެ. އޭގެފަހުން އޭދަފުށިން ފަހަތުން އަރައި އެއްވަރުކުރި އިރު، އެޓީމުގެ ގޯލްތައް ޖެހީ މުއާޒް އަލީއާއި އިމްތިޝާލް އަބްދުލް ރަހީމެވެ.

ޕެނަލްޓީގައި ގާފަރަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ. އެއީ ސާމިން މުހައްމަދު ނަސީރާއި ނާއިހް މުފީދު ޖެހި ޕެނަލްޓީތަކެވެ. އޭދަފުށިން ވަނީ ހުސައިން ޝަރީފް (މުޑާ) އާއި އުނައިސް ޒުބައިރު، އަލީ ނަސީމް އަދި އިސްމާއީލް ޝަރީފް ޖެހި ޕެނަލްޓީތައް ކާމިޔާބު ކޮށްފައެވެ.

އެ ޒޯނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ގާފަރުގެ ޝަނާނެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ އޭދަފުށީގެ މުޑާއެވެ.

ޒޯން ހައެއްގެ ފައިނަލުގައި އަލަށް ވާދަކުރި ލ. އިސްދޫން ތިމަރަފުށި ކައިރިން ރޭ ބަލިވީ 2-1 އިންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި ލީޑު ނެގީ އިސްދޫންނެވެ. އެ ގޯލް ޖެހީ އަލީ ހުމޭޒެވެ. ތިމަރަފުށިން ފަހަތުން އަރައި މޮޅުވި އިރު، އެއްވަރު ކުރީ ހާފު ނިމެން ދަނިކޮށް މުހައްމަދު ތޯހިރު ޖެހި ގޯލުންނެވެ.

އޭގެފަހުން ދެވަނަ ހާފު އެއްވަރުކޮށް ދިޔަ އިރު، ތިމަރަފުށިން މެޗުން މޮޅުވީ އެންމެ ފަހުވަގުތު އަބްދުﷲ ޒިޔާން ޖެހި ގޯލުންނެވެ.

އެ ޒޯނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އިސްދޫގެ ހުމޭޒެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ ޒިޔާނެވެ.

https://www.facebook.com/permalink.php?story_fbid=pfbid04Xc5qc1ygew4tu4hiWcj95rtRYPLMShWFXaa3zrhsM4TxeE4sgMK7iW5jTPLPqatl&id=61567318384297

މާލޭ ޒޯން ކަމަށްވާ ޒޯން އަށެއްގެ ފައިނަލްވެސް ރޭ ދިޔައީ ޕެނަލްޓީއަށެވެ. އެމެޗުވެސް 2-2 އިން ފުރިހަމަ ވަގުތު އެއްވަރުވި އިރު، ޕެނަލްޓީގައި ވިލިމާލެ މޮޅުވީ 6-5 އިންނެވެ. މެޗުގައި ވިލިމާލޭގެ ގޯލްތައް ޖެހީ ސައިފުﷲ އިބްރާހީމާއި އަލީ ޝިޔާހު (ޝިޔާ) އެވެ. މައްޗަންގޮޅީގެ އަހުމަދު ހުސައިނާއި ޔޫސުފް އަޔާން އާމިރު ގޯލްތައް ޖެހިއެވެ.

ޕެނަލްޓީގައި މައްޗަންގޮޅިން އަހުމަދު އަޝްފާން، ރިލުވާން ވަހީދު (ރިލޭ) އާއި އިސްމާއީލް ޒާން އާމިރު ޕެނަލްޓީ ކާމިޔާބުކުރި އިރު، ވިލިމާލެއިން ޝިޔާއާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަބްދުﷲ ސަމީހު މޫސާ، އިސްމާއީލް ވަޖީހު (ވައްޖެ) ޕެނަލްޓީ ކާމިޔާބުކުރިއެވެ.

https://www.facebook.com/permalink.php?story_fbid=pfbid0PjL7gQodCMgjDJSwVsk2xzBnTmGFD7MuaAAcDWKV24pcH6BH85PEjzaq78WSP2Lnl&id=61567318384297

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ނައިވާދޫ - މާރަންދޫ (ޒޯން 1 ފައިނަލް)

20:00 މަތިވެރި - ކެޔޮދޫ (ޒޯން 4 ފައިނަލް)

22:00 ދެއްވަދޫ - ހިތަދޫ (ޒޯން 7 ފައިނަލް)

22:00 ދުވާފަރު - ކަނޑިތީމު (ޒޯން 2 ފައިނަލް)