ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގައި ހދ. ނައިވާދުއާއި ށ. ފޯކައިދޫ، ރ. ދުވާފަރުގެ އިތުރުން އއ. އަތޮޅު މަތިވެރިން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ފަށައިގެން ކުރިއަށްދާ އިރު، ރޭ ވަނީ ތިން ޒޯނެއްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގެ ދެމެޗު ރޭ ކުޅެފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ހދ. އަތޮޅުގެ ޗެމްޕިއަން ނައިވާދުއާއި އެ އަތޮޅުގެ ރަނަރަޕް ނޮޅިވަރަންފަރާއި ހއ. އަތޮޅުގެ ޗެމްޕިއަން މާރަންދުއާއި އަތޮޅު ރަނަރަޕް ހއ. ކެލައެވެ.
ނައިވާދޫން ހުރިހާ މެޗަކުން މޮޅުވެ، އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ޒޯން ބުރަށް ނުކުމެފައިވާ އިރު، ރޭ ކެލާ ކައިރިން މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. ކެލައިން ރޭ ފުރަތަމަ ދެ ގޯލް ޖެހި އިރު، އެ ގޯލްތައް ޖެހީ އަހުމަދު ވަހީދާއި ގާސިމް އަތޫފެވެ. ނައިވާދޫގެ ގޯލްތައް ޖެހީ މުހައްމަދު އަސްލަމާއި ޔާމިން މުހައްމަދު (ޔާންޓެ) އެވެ. މުހައްމަދު އަސްލަމް މެޗުގައި ދެ ގޯލް ޖެހިއެވެ.
އެ ޒޯންގައި ރޭ މާރަންދުއާއި ނޮޅިވަރަންފަރު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ކޮށްގެންނެވެ. މާރަންދޫގެ ޝަނީމް މޫސާ މެޗުގައި ގޯލް ޖެހި އިރު، ނޮޅިވަރަންފަރުގެ ގޯލް ޖެހީ މުހައްމަދު ސަމީހު ހަސަން ފަޔާޒެވެ.
ޒޯން ދޭއްގައި ށ. އަތޮޅުގެ ޗެމްޕިއަން ކަނޑިތީމާއި ނ. އަތޮޅުގެ ޗެމްޕިއަން މާޅެންދޫގެ އިތުރުން ށ. އަތޮޅުގެ ރަނަރަޕް ފޯކައިދޫގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން ދުވާފަރު ވާދަކުރާ އިރު، ރޭ ދުވާފަރުން ފޯކައިދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދުވާފަރުގެ ގޯލްތައް ޖެހީ މުހައްމަދު ޖުމާން އަހުމަދާއި މުހައްމަދު އިސާމް (ޝަންޓެ) އެވެ.
އެ ޒޯނުގައި ކަނޑިތީމުން ކުޅުނު މެޗުގައި މާޅެންދޫ ބަލިކުރީ ތަފާތު ބޮޑުކޮށް، 5-0 އިންނެވެ. ކަނޑިތީމުގެ ގޯލްތައް ޖެހީ އިބްރާހީމް ނަދާދާއި ހުސައިން ނިހާލް، ރައުލް ނިޔާޒް، މުހައްމަދު ޝާން އަދި މުހައްމަދު އިޝާނެވެ.
ޒޯން ހަތަރެއްގެ ކުޅުންވެސް ރޭ ފަށާފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ އއ. އަތޮޅު ޗެމްޕިއަން މަތިވެރިއާއި އދ. އަތޮޅުގެ ޗެމްޕިއަން މަހިބަދޫގެ އިތުރުން ރަނަރަޕް އޮމަދޫ އަދި ވ. އަތޮޅު ޗެމްޕިއަން ކެޔޮދުއެވެ.
މަތިވެރިން މިހާތަނަށް މުބާރާތުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، މަތިވެރިން ރޭ ކެޔޮދޫ ބަލިކުރީ 3-1 އިންނެވެ. މަތިވެރީގެ މުހައްމަދު މިދުހަތު ދެ ގޯލް ޖެހި އިރު، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ)ވެސް ގޯލް ޖެހިއެވެ. ކެޔޮދޫގެ ގޯލް ޖެހީ މުހައްމަދު ޖުމާނެވެ.
އެ ޒޯންގައި ރޭ އޮމަދުއާއި މަހިބަދޫ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް މިރޭ ނޯންނާނެ އެވެ. އެއީ ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ރާއްޖެ އަންނާތީ ބާއްވާ އުފާފާޅުކުރުންތަކުގައި ފުޓްސަލް އާއިލާއިން ބައިވެރިވުމަށް ފުރުސަތު ދިނުމަށެވެ. ދެން މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް