ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މާލޭ ޒޯން ކަމަށްވާ، ޒޯން އަށެއްގެ ފުރަތަމަ މޮޅުތައް މައްޗަންގޮޅި އާއި ހުޅުމާލޭން ހޯދައިފިއެވެ.
އެ ޒޯނުގައި ހަތަރު ޓީމުން ވާދަކުރަމުންދާ އިރު، މިދިޔަ އަހަރު ފައިނަލް ބުރުގެ ކުއާޓާ ފައިނަލަށް ދިޔަ ވިލިމާލޭން ރޭ މައްޗަންގޮޅި ކައިރިން ބަލިވީ 4-3 އިންނެވެ. މެޗުގައި ވިދާލީ މައްޗަންގޮޅީގެ ޔޫސުފް އަޔާން އާމިރެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. އޭގެ އިތުުރުން ގޯލްތައް ޖެހީ އަބްދުﷲ އާއިޝް އަލީ އާއި ރިލްވާން ވަހީދު (ރިލޭ) އެވެ.
ވިލިމާލޭގެ ދެ ގޯލް އަބްދުﷲ ސަމީހު މޫސާ ޖެހި އިރު، އަނެއް ގޯލް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ.
މާލޭ ޒޯންގައި ރޭ ކުޅުނު އަނެއް މެޗުގައި ކުރީގެ ޗެމްޕިއަން މާފަންނު ކައިރިން ހުޅުމާލެ މޮޅުވީ 1-0 އިންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި ހުޅުމާލޭން ގޯލް ޖެހީ ފަހުކޮޅުގައެވެ. އެޓީމަށް ގޯލް ޖަހައިދިނީ އަހުމަދު މަހުދީއެވެ.
މާފަންނުގެ އެޓޭކްތައް ހުއްޓުވުމުގައި އިސް ރޯލެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުޅުމާލޭގެ ކީޕަރު މުހައްމަދު ޒުހަލްއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ހއ. މާރަންދޫ - ހދ. ނޮޅިވަރަންފަރު (ޒޯން 1)
20:00 ހދ. ނައިވާދޫ - ހއ. ކެލާ (ޒޯން 1)
21:00 ށ. ކަނޑިތީމް - ނ. މާޅެންދޫ (ޒޯން 2)
21:00 ށ. ފޯކައިދޫ - ރ. ދުވާފަރު (ޒޯން 2)
22:00 ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)
22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ޒޯން 4)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް