ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އާސެނަލުން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ސިޓީއާއި ޕީއެސްޖީން ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ސިޓީން ބޯޑާ ގްލިމްޓް ކައިރިން ބަލިވީ 3-1 އިންނެވެ. އަދި ޕީއެސްޖީން ރަށުން ބޭރުގައި ސްޕޯޓިން ލިސްބަން ކައިރިން 2-1 އިން ބަލިވި އިރު، އާސެނަލުން ވަނީ ރަށުން ބޭރުގައި އިންޓަ މިލާން ކައިރިން 3-1 އިން މޮޅުވެފައެވެ. އަދި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި މޮނާކޯ ބަލިކުރީ 6-1 އިންނެވެ. އެއީ އަމިއްލަ ދަނޑުގައެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނުނު ހައިރާން ކުރަނިވި ނަތީޖާއަކަށް ވެގެންދިޔަ ސިޓީ މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ލީޑު ނެގީވެސް ބޯޑާ ގްލިމްޓުންނެވެ. އެޓީމުން 22 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައި ގޯލްތައް ޖެހި އިރު، އެ ގޯލްތައް ޖެހީ ކެސްޕާ ވާޓްސްއެވެ.

އެ ދެ ގޯލާއެކު ސިޓީ މާޔޫސްވެފައިވާ އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޖެންސް ޕެޓާ ހޭގް ވަނީ ބޯޑާ ގްލިމްޓަށް އިތުރު ގޯލެއް ޖަހައިދީފައެވެ. ސިޓީގެ މާޔޫސްކަން އިތުރަށް ބޮޑުވީ ދެވަނަ ހާފުގައި ރޮޑްރީއަށް ދެއްކި ރަތް ކާޑާއެކުގައެވެ. މެޗުގައި ސިޓީގެ ހަމައެކަނި ގޯލް ޖެހީ ރަޔަން ޗެރްކީއެވެ.

ޕީއެސްޖީން ބަލިވި މެޗުގައި ސްޕޯޓިންގެ ދެ ގޯލްވެސް ލުއިސް ސުއަރޭޒް ޖެހި އިރު، ޗެމްޕިއަން ޕީއެސްޖީގެ ހަމައެކަނި ގޯލް ޖެހީ ހަވީޗާ ކަވަރަޓްސްޝޭލިއާއެވެ.

އާސެނަލުން ތާވަލުގެ އެއްވަނައިގައި ވަރުގަދަ ފޯމެއް ދަމަހައްޓަމުންދާ އިރު، އެޓީމުން ރޭ އިންޓަ ބަލިކުރީ ގެބްރިއަލް ޖީސަސްއާއި ވިކްޓޯ ޔޯކެރޭޝްގެ ގޯލްތަކުންނެވެ. ޖީސަސް މެޗުގައި ދެ ގޯލް ޖެހި އިރު، އިންޓަގެ ގޯލް ޖެހީ ޕީޓާ ސޫކިޗެވެ.

އާސެނަލުން ރޭ ހޯދި މޮޅާއެކު އެޓީމު ވަނީ ލީގު ބުރުގެ އެއްވަނަ ނޫނީ ދެވަނަ ޔަގީންވެ، އަނެއް ބުރަށް ސީދާ ދަތުރުކޮށްފައެވެ. ސަން ސީރޯގައި ހޯދި މޮޅުގައި ބޮޑު ހިއްސާއެއް އޮތް ޖީސަސް ރޭ ޖެހި ފުރަތަމަ ގޯލަކީ 2023 ވަނަ އަހަރު ފަހުން އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އާސެނަލުން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތް މެޗުންވެސް ވަނީ މޮޅުވެފައެވެ.

ރެއާލުން ރޭ މޮނާކޯ ކޮޅަށް ހަ ގޯލް ޖެހި އިރު، އެ މެޗުގައި ގޯލްތައް ޖެހީ ކިލިއަން އެމްބާޕޭއާއި ފްރޭންކޯ މަސްޓަންޓުއޯނޯ އަދި ވިނީޝިއަސް ޖޫނިއާއާއި ޖޫޑް ބެލިންހަމްއެވެ. އެމްބާޕޭ ދެ ގޯލް ޖެހި އިރު، މޮނާކޯގެ ތިލޯ ކެހްރޭ އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

މޮނާކޯގެ ގޯލް ޖެހީ ޖޯޑަން ޓެޒޭއެވެ.

އިތުރު މެޗުތަކަށް ބަލާއިރު ޓޮޓެންހަމްއިން ރޭ ޑޯޓްމުންޑް ކައިރިން 2-0 އިން މޮޅުވި އިރު، އޮލިމްޕިއާކޯސްއިން ވަނީ ބަޔާން ލެވަކޫސަން 2-0 އިން ބަލިކޮށްފައެވެ. ނަޕޯލީން ކޯޕަންހޭގަން ކައިރިން އެއްވަރުވީ 1-1 އިންނެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރު ތާވަލުގައި އާސެނަލް އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ރެއާލެވެ. އެއީ ހަތް މެޗުން 15 ޕޮއިންޓާއެކުގައެވެ. އާސެނަލް ހުރިހާ މެޗަކުން މޮޅުވެ، 21 ޕޮއިންޓް ހޯދާފައިވެއެވެ. ތިންވަނައިގައި ބަޔާން މިއުނިކް އޮތް އިރު، ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމްއެވެ. ޕީއެސްޖީ ފަސްވަނައިގައި އޮތް އިރު، ސިޓީ އޮތީ ހަތް ވަނައިގައެވެ.