ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އަތޮޅު ފައިނަލުން ޅ. ނައިފަރާއި ކުރެންދޫގެ އިތުރުން ފ. މަގޫދޫންވެސް އަތޮޅު ފައިނަލް ޔަގީން ކޮށްފިއެވެ.

ޅ. އަތޮޅުން ހަތަރު ޓީމަކުން މުބާރާތުގައި ވާދަކޮށްފައިވާ އިރު، ރޭ ވަނީ ލީގު ބުރުގެ ފަހު ދެ މެޗު ކުޅެފައެވެ. އެ ދެ މެޗަށް ނުކުތްއިރު ހަތަރު ޓީމަށްވެސް އަތޮޅު ފައިނަލްގެ ފުރުސަތު އޮތް އިރު، ނައިފަރުން ހިންނަވަރު ކަޓުވާލީ 6-2 އިން މޮޅުވެގެންނެވެ.

ނައިފަރާއި ހިންނަވަރުން ހަތަރު ޕޮއިންޓާއެކު ފަހު މެޗަށް ނުކުތް އިރު، ރޭގެ މޮޅާއެކު ނައިފަރުން އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ކުރެންދޫން ލީގު ބުރުގެ ދެވަނަ ހޯދި އިރު، އެޓީމާއި ހިންނަވަރަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.

ރޭ ކުރެންދޫން އޮޅުވެލިފުށި ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ނައިފަރުގެ އިބްރާހީމް ޝަރީފާއި ހުސައިން ފައިސަލް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އަބްދުލް ރަހްމާން ތިބިޔަން އަލީ ސައީދުގެ އިތުރުން ހުސައިން ޝާރިފް މުހައްމަދުވެސް ގޯލް ޖެހިއެވެ.

ހިންނަވަރުގެ ގޯލްތައް ޖެހީ ހުސައިން އައްފާޝާއި އަހުމަދު ޝުޖާއު އަލީއެވެ.

ކުރެންދޫގެ ހަމައެކަނި ގޯލް، އޮޅުވެލިފުށި ކޮޅަށް ޖެހީ އަހުމަދު އަފްރާހެވެ.

ފ. އަތޮޅުން ފަސް ޓީމު ވާދަކޮށްފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތްއިރު ނިލަންދުއަށް އޮތީ އަތޮޅު ފައިނަލް ޔަގީންވެފައެވެ. ނިލަންދޫން ރޭ ދަރަނބޫދުއާ 2-2 އިން އެއްވަރުކުރި އިރު، އެ މެޗަށް ނުކުތްއިރު ދަރަނބޫދުއަށް އޮތީވެސް ހަނި ފުރުސަތެކެވެ.

މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަން ދަރަނބޫދޫން ފުރަތަމަ ދެ ގޯލް ޖެހި އިރު، އެޓީމުގެ ގޯލްތައް ޖެހީ މުޒްދާން ހަސަނާއި އާލިފް އަލީއެވެ. ނިލަންދޫގެ ދެ ގޯލްވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝަހުދާން އަބްދުލް ގަނީއެވެ.

މަގޫދޫން 1-0 އިން ބިލެއްދޫ ބަލިކޮށް އަތޮޅު ފައިނަލް ޔަގީންކުރި އިރު، އެޓީމުގެ ގޯލް ޖެހީ މުހައްމަދު އަލްޔާން އަބްދުﷲއެވެ.

މަގޫދޫއާއި ބިލެއްދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރާއި މިރޭ އޮންނަ މެޗުތައް

16:00 އއ. ހިމަންދޫ - އއ. ބޮޑުފޮޅުދޫ

16:00 އއ. ތޮއްޑޫ - އއ. މާޅޮސް

20:00 ރ. ފައިނު - ރ. ދުވާފަރު

20:00 ރ. އަލިފުށި - ރ. އިނގުރައިދޫ

21:00 ނ. ވެލިދޫ - ނ. ހެނބަދޫ

21:00 ނ. މާޅެންދޫ - ނ. ހޮޅުދޫ

22:00 ހއ. ފިއްލަދޫ - ހއ. މާރަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 ހއ. މުރައިދޫ - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)

23:00 ގއ. ކަނޑުހުޅުދޫ - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)

23:00 ވ. ކެޔޮދޫ - ވ. ފުލިދޫ