ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކ. އަތޮޅުގެ ފައިނަލަށް ގާފަރާއި މާފުށިން ދަތުރުކޮށްފިއެވެ.

ކ. އަތޮޅުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާ އިރު، އެ ދެ މެޗުވެސް ފެނުނީ އާދަޔާ ހިލާފު ފޯރިގަދަކޮށެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ ސެމީގައިވެސް ކުރިމަތިލި ގާފަރާއި ކާށިދޫގެ ކުރިމަތިލުން ފެނުނީ އާދަޔާހިލާފު ވާދަވެރިކަމެއްގައެވެ.

މިދިޔަ އަހަރުގެ އަތޮޅު ސެމީގައި ކާށިދޫން ގާފަރު ކަޓުވާލާފައިވާ އިރު، ކާށިދޫން މުބާރާތުގެ ތަށި ނެގީ ޖާދުވީ ދަތުރެއްގައެވެ. އެ ޝަރަފާއެކު މިފަހަރުގެ މުބާރާތަށް ނުކުތް ކާށިދޫން މުބާރާތުން ވަކިވެގެން ދާން ޖެހުނީ 3-2 އިން ރޭ ބަލިވުމުންނެވެ.

ކާށިދޫން މެޗުގައި ފުރަތަމަ ދެ ގޯލްވެސް ޖެހި އިރު، އެ ގޯލްތައް ޖެހީ އަބްދުﷲ ސުޒައިރެވެ. އެ ދެ ގޯލާއެކު ހާސްކަމާއެކު ކުޅުނު ގާފަރުން ނަތީޖާ އަނބުރާލީ ފުލުފުލުގައި ޖެހި ގޯލްތަކުންނެވެ. ޝަނާން ރަޝާދު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖަަހައިދިނީ އިބްރާހީމް ރިމާހެެވެ.

ދިއްފުށި ބަލިކޮށް މާފުށިން އަނެއްކާވެސް އަތޮޅު ފައިނަލަށް ގޮސްފައިވާ އިރު، މާފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އެ މެޗުގައި މާފުށިން ދިއްފުށި ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މާފުށީގެ ގޯލްތައް ޖެހީ ހުސައިން ރިފާނާއި ޒުލްކިފުލީ ޒާހިރުގެ އިތުރުން ހަސަން އިމްރާން އަދި މުރުތަޖާ މުހައްމަދެވެ. ރިފާން މެޗުގައި ދެ ގޯލް ޖެހިއެވެ. ދިއްފުށީގެ ގޯލްތައް ޖެހީ އަހުމަދު ރިޒުވާނާއި އަހުމަދު މާޒިންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ މާފުށްޓަށް މޮޅަށް ކުޅެދިން ކީޕަރު ނައްފާޒް ސައުދެވެ.

މާފުށިން މެޗުގައި ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ވ. ފުލިދޫ - ވ. ކެޔޮދޫ

16:00 ސ. މަރަދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)

މިރޭ އޮންނަ މެޗުތައް

20:00 ލ. އިސްދޫ - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)

20:00 ލ. މާވަށް - ލ. ގަން (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ތިމަރަފުށި - ތ. ގާދިއްފުށި (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ކިނބިދޫ - ތ. ހިރިލަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. ދަނގެތި - އދ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ކަނޑިތީމު - ށ. މިލަންދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ފުނަދޫ - ށ. ފީވަށް (އަތޮޅު ސެމީ ފައިނަލް)