ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ނ. އަތޮޅުގެ އަތޮޅު ބުރުގައި ހޮޅުދޫން ފުރަތަމަ މޮޅެއް ހޯދި އިރު، ރ. އަތޮޅުގެ ފުރަތަމަ މެޗުތަކުން އަލިފުއްޓާއި ދުވާފަރު މޮޅުވެއްޖެއެވެ.

ރ. އަތޮޅާއި ނ. އަތޮޅުންވެސް މިފަހަރު ކޮންމެ އަތޮޅަކުން ހަތަރު ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، އެ ދެ އަތޮޅުގެ ކުޅުންވެސް ފެށީ ރޭގައެވެ.

ނ. އަތޮޅުގައިވެސް ދެމެޗެއް ރޭ ކުޅެފައިވާ އިރު، މާޅެންދުއާއި ވެލިދޫ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މާޅެންދޫގެ ގޯލް ޖަހައިދިނީ އަޒްފާން މޫސާއެވެ. ވެލިދޫގެ ގޯލް ޖަހައިދިނީ އިބްރާހީމް ޒިޔާނެވެ.

އެ އަތޮޅު ފައިނަލުގައި މިދިޔަ އަހަރު ވާދަކުރި ހޮޅުދޫން ހެނބަދޫ ބަލިކުރީ 2-0 އިންނެވެ. ހޮޅުދޫގެ ގޯލްތައް ޖަހައިދިނީ އަހުމަދު ތޯއިފާއި އަބްދުލް ވަދޫދެވެ.

ހޮޅުދޫން ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ރ. އަތޮޅުގެ ފައިނަލުގައި މިދިޔަ އަހަރުވެސް ވާދަކުރި ދުވާފަރާއި އިނގުރައިދޫ ރޭ ކުޅުނު މެޗުގައި ދުވާފަރުން ވަނީ އިނގުރައިދޫ ބަލިކޮށްފައެވެ. މިދިޔަ އަހަރު އިނގުރައިދޫން ދުވާފަރު ކައިރިން ކުރި ހޯދާފައި އޮތް ނަމަވެސް، ރޭ ދުވާފަރުން އިނގުރައިދޫ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ދުވާފަރުގެ ގޯލްތައް ޖެހީ އަހުމަދު މިހާން މުހައްމަދާއި މުހައްމަދު އިސާމް (ޝަންޓެ)ގެ އިތުރުން އިބްރާހީމް އަޒުމޫނާއި އިބްރާހީމް އަނާން އަލީއެވެ. އިނގުރައިދޫގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ޖުމާނެވެ.

އެ އަތޮޅުގައި ރޭ ފައިނު ކައިރިން އަލިފުށި މޮޅުވީ 7-1 އިންނެވެ. އަލިފުށީގެ ގޯލްތައް ޖަހައިދިނީ އަހުމަދު ޒަލަފް، އާދަމް މަންސޫރު، އަބްދުލް ސަމީއު ހަސަން. އިބްރާހީމް ފުރުގާން (ފުގޭ) ގެ އިތުރުން ޝާން ހާމިދެވެ. ޒަލަފާއި މަންސޫރު ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ.

ފައިނުގެ ގޯލް ޖަހައިދިނީ އައްފާން ބިން އަހުމަދެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މާދަމާ ހަވީރު އޮންނަ މެޗުތައް

16:00 ޅ. ނައިފަރު - ޅ. އޮޅުވެލިފުށި

16:00 ޅ. ހިންނަވަރު - ޅ. ކުރެންދޫ

17:00 ދ. ބަނޑިދޫ - ދ. މާއެނބޫދޫ

17:00 ބ. ފެހެންދޫ - ބ. ދަރަވަންދޫ

މާދަމާ ރޭ އޮންނަ މެޗުތައް

20:00 ތ. ތިމަރަފުށި - ތ. އޮމަދޫ

20:00 ތ. ވަންދޫ - ތ. ހިރިލަންދޫ

21:00 ތ. ކިނބިދޫ - ތ. ވިލުފުށި

21:00 ތ. ބުރުނި - ތ. ގާދިއްފުށި

22:00 އދ. އޮމަދޫ - އދ. ކުނބުރުދޫ

22:00 އދ. ހަންޏާމީދޫ - އދ. މަންދޫ

23:00 އދ. މަހިބަދޫ - އދ. ފެންފުށި

23:00 އދ. ދަނގެތި - އދ. މާމިގިލި