ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅުގެ ސެމީ ފައިނަލް ފަހު ޖާގަތައް ވާދުއާއި މަޑަވެލީގެ އިތުރުން ފިޔޯރީން ހޯދައިފިއެވެ.
ގދ. އަތޮޅުންވެސް ހަ ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅު ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ރޭ ނުކުތް އިރު، ސެމީ ފައިނަލް ޔަގީންވެފައި އޮތީ ހޯޑެއްދުއަށް އެކަންޏެވެ. އެއީ ގްރޫޕް ބީންނެވެ.
އެ ގްރޫޕްގެ އެއްވަނަ ރޭ ހޯޑެއްދުއަށް ޔަގީންވި އިރު، ފިޔޯރީ ދެވަނައިގައި ސެމީއަށް ދިޔައީ ދެމެޗުން ދެ ޕޮއިންޓާއެކުގައެވެ. ރޭ ފިޔޯރީން ހޯޑެއްދުއާ އެއްވަރުވީ 1-1 އިންނެވެ. ހޯޑެއްދޫގެ ގޯލް މެޗުގައި ޖަހައިދިނީ އިސްމާއީލް މަމްދޫހެވެ ފިޔޯރީގެ ގޯލް ޖަހައިދިނީ އަބްދުﷲ މަހީލް މުއްތަލިބެވެ.
އެ އަތޮޅު ގްރޫޕް އޭއިން ވާދޫން އެއްވަނަ ހޯދީ ދެމެޗުންވެސް މޮޅުވެގެންނެވެ. އެޓީމުން ރޭ ގައްދޫ ބަލިކުރީ 4-1 އިންނެވެ. މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ މުހައްމަދު ނާއިލްއެވެ.
ގައްދޫން މެޗުގައި ހަމައެކަނި ގޯލް ޖހީ އަހުމަދު ރިފްޝާނެވެ.
ގައްދޫން ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، މަޑަވެއްޔަށް އެ ގްރޫޕްގެ ދެވަނަ ލިބުނީ ގައްދޫ ބަލިކޮށްފައި އޮތުމުންނެވެ.
ވ. އަތޮޅުގެ ފުރަތަމަ މެޗު އެއްވަރު
ވ. އަތޮޅުގައި މިފަހަރު ތިން ޓީމަކުން ވާދަކުރަމުންދާ އިރު، އެއީ ރޭ ވާދަކުރި ފެލިދުއާއި ފުލިދޫގެ އިތުރުން ކެޔޮދުއެވެ. ރޭ ފުލިދުއާއި ފެލިދޫ ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، އެމެޗުގެ މޮޅު ކުޅުންތެރިޔަކީ ފުލިދޫގެ ކީޕަރު ޝީވަން މަންސޫރެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް