ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފިއްލަދޫން ހޯދި އިރު، ބާރަށާއި ވަށަފަރުގެ އިތުރުން މުރައިދޫންވެސް މޮޅެއް ހޯދައިފިއެވެ.

ހއ. އަތޮޅުން މުބާރާތުގައި 10 ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭއިން ފިއްލަދޫ ސެމީ ޔަގީންކުރީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ. އެ ޓީމުން ރޭ ތިންވަނަ މޮޅެއް ހޯދީ ކެލާ ކައިރިން 2-1 އިން މޮޅުވެގެންނެވެ.

ފޯރިގަދަކޮށް ފެނުނު މެޗުގައި ފިއްލަދޫގެ ދެ ގޯލްވެސް ޖެހީ އާދަމް ޝައިދް މުހައްމަދެވެ. ކެލާގެ ގޯލް އިބްރާހީމް ރިޝާލް ޖެހި އިރު، ފަހުކޮޅުގައި ކެލައަށް ދެ ދުރު ޕެނަލްޓީ ލިބިގެންވެސް ކާމިޔާބެއް ނުވިއެވެ.

އެ ގްރޫޕުގައި ރޭ ބާރަށުން ފުރަތަމަ މޮޅެއް ހޯދީ، 6-1 އިން ހޯރަފުށި ބަލިކޮށްގެންނެވެ. ބާރަށުގެ މުހައްމަދު މައިސް ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖެހީ އަހުމަދު ފައިޒާންއާއި އަބްދުﷲ މިސްބާހް، އަހުމަދު ސަޒީމް އަދި މުހައްމަދު ޒުއިދާން އަލީއެވެ.

ހޯރަފުށީގެ ގޯލް ޖެހީ އާދަމް މާހިލްއެވެ.

ހއ. އަތޮޅު ގްރޫޕް އޭގެ އެއްވަނައިގައި ފިއްލަދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ކެލާ، ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް ދެން އޮތީ ބާރަށާދެކޮޅަށް ކުޅޭ މެޗެވެ. ބާރަކަށް އަދި ދެމެޗު އޮތް އިރު، އެޓީމަށް ދެމެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ބާރަށުން ކެލާ ބަލިކޮށްފިނަމަ އެޓީމަށްވެސް ސެމީއާ ގާތަށް ޖެހިލެވޭނެ އެވެ. ހޯރަފުއްޓަށް ދެން އޮތީ ފިއްލަދޫއާއި ތުރާކުނު މެޗެވެ. އެޓީމަށް ސެމީއަށް ދާން ބޭނުންވާނަމަ. އެ ދެމެޗުން މޮޅުވާން މަޖުބޫރެވެ. އެހެން ނަމަވެސް އަމިއްލަ ބާރެއް ނެތެވެ.

ގްރޫޕްގެ ފުލުގައި މޮޅެއް ނުލިބި އޮތީ ތުރާކުނެވެ.

ބާރަށުން ގޯލް ޖަހައި އުފާފާޅުކުރުމުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހއ. އަތޮޅު ގްރޫޕް ބީގައި ވަށަފަރުން ތިން މެޗުން ދެ މޮޅު ހޯދާފައިވާ އިރު، ރޭ ދިއްދޫ ބަލިކުރީ 4-0 އިންނެވެ. މިދިޔަ އަހަރު ފައިނަލުގައިވެސް ވަށަފަރުން ދިއްދޫ ބަލިކޮށްފައިވާ އިރު، ވަށަފަރުގެ ގޯލްތައް ޖެހީ އަބްދުﷲ ސިނާނާއި އަހުމަދު މަހްތޫމް މުސްތަފާ އަދި އަލީ ރިސްވާން އަހުމަދެވެ.

މި މެޗުގައި ސިނާން ދެ ގޯލް ޖެހި އިރު، ވަށަފަރަށް ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮންނާނީ މުރައިދޫއާ ދެކޮޅަށް ކުޅޭ މެޗެވެ.

މުރައިދޫން ދެމެޗުން ހަ ޕޮއިންޓާއެކު ފޯމުގައި އޮތް އިރު، އެޓީމާއި ވަށަފަރާ ދެމެދު އޮތީ ފައިދާ ގޯލްގެ ތަފާތެކެވެ. މުރައިދޫއަށް އަދި ދެމެޗު އޮތް އިރު، އެއީ ވަށަފަރާއި އުތީމާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

މުރައިދޫން ރޭ މާރަންދޫ ކައިރިން 1-0 އިން މޮޅުވި އިރު، މުރައިދޫގެ ގޯލް ޖެހީ އިޔާން އަހުމަދު ރަޝީދެވެ.

އެ ގްރޫޕުގައި މާރަންދޫއާއި ދިއްދޫއަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، މާރަންދޫއަށް އަދި ދެމެޗު އެބައޮތެވެ. ދިއްދޫއަށް ދެން ބާކީ އެއް މެޗު އޮތް އިރު، އެޓީމަށް ސެމީގެ ފުރުސަތު ވަނީ ހަނިވެފައެެވެ. އުތީމަށްވެސް ދެމެޗުން ޕޮއިންޓެއް ނުލިބި އޮތުމުން ސެމީއަށް އޮތީ ވަރަށް ހަނި ޖާގައެކެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.