ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކ. އަތޮޅުގެ ގްރޫޕް ސްޓޭޖުން ގާފަރާއި މާފުއްޓަށް އަތޮޅު ސެމީ ފައިނަލް ޔަގީންވި އިރު، ދިއްފުށިން އުންމީދު އާކޮށްފިއެވެ.

ކ. އަތޮޅުން ޖުމުލަ ހަތް ޓީމަކުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، އެ އަތޮޅުގެ ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. އެ ގްރޫޕް އޮތީ ވާދަވެރި ކޮށެވެ.

އެ ގްރޫޕުގައި މިއަދު ހަވީރު ކާށިދުއާއި ގުރައިދޫ ވާދަކުރި މެޗު 0-0 އިން އެއްވަރުވި އިރު، މިއީ ކާށިދޫ އެއްވަރުވި ދެވަނަ މެޗެވެ. އެޓީމަށް ދެމެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ގުރައިދުއަށް ދެމެޗުން ލިބިފައި ވަނީ ޕޮއިންޓެކެވެ.

ދިއްފުށިން ފުރަތަމަ މެޗުގައި ކާށިދޫ ކައިރިން ޕޮއިންޓެއް ހޯދާފައި އޮވެގެން މިރޭގެ މެޗަށް ނުކުތް އިރު، އެޓީމުން ގުޅި ބަލިކުރީ 2-0 އިންނެވެ. މެޗުގައި ދިއްފުށީގެ ދެ ގޯލްވެސް ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ގުޅި މިއަދު ބަލިވި ނަމަވެސް، އެޓީމަށް އަދިވެސް ސެމީ ފައިނަލަށް ފުރުސަތު އެބައޮތެވެ. އެއީ ފުރަތަމަ މެޗުގައި ގުރައިދޫ ބަލިކޮށް، ތިން ޕޮއިންޓް ހޯދާފައި އޮތުމުންނެވެ. އެ ގްރޫޕްގެ ފަހު މެޗުތައް ފޯރިގަދަވާނެއެވެ.

ރިޒޭގެ ގޯލަކަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

އެ އަތޮޅު ގްރޫޕް ބީގައި ތިން ޓީމު ހިމެނޭ އިރު، މާފުށިން ކުޅުނު ފުރަތަމަ މެޗުގައި ހިންމަފުށި ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މާފުށީގެ ގޯލްތައް ޖަހައިދިނީ ހުސައިން ރިފާނާއި އަހުމަދު ހާފިޒ މުހައްމަދު، އިބްރާހީމް އަމީރާއި އިސްމާއީލް ޒަރީރެވެ. ރިފާން މެޗުގައި ހެޓްރިކް ފުރިހަމަ ކުރިއެވެ.

އެ ގްރޫޕުގައި ދެން ކުޅޭ މެޗަކީ ހިންމަފުށި ބަލިކުރި މާފުއްޓާއި ގާފަރު ވާދަކުރާ މެޗެވެ. އެމެޗުން ގްރޫޕްގެ އެއްވަނަ ޔަގީންވާނެއެވެ.

ގއ. އަތޮޅުން ދެއްވަދޫ އަތޮޅު ސެމީ ޔަގީންކުރީ ގްރޫޕް ބީގައި ކުޅުނު ދެެމެޗުވެސް ކާމިޔާބު ކޮށްގެންނެވެ. މިއަދު އެޓީމުން ނިލަންދޫ ބަލިކުރީ 3-1 އިންނެވެ. ދެއްވަދުއަށް ގްރޫޕް އެއްވަނަ ޔަގީންވެފައިވާ އިރު، މިއަދު އެޓީމުގެ ގޯލްތައް ޖަހައިދިނީ ވިޝާހް އަބްދުލް މަޖީދާއި ނަސޫހު ސައީދެވެ. ވިޝާހް މެޗުގައި ދެ ގޯލް ޖެހި އިރު، ނިލަންދޫގެ ގޯލް ޖަހައިދިނީ މުހައްމަދު ޒާހިލް އަހުމަދެވެ.

ނަސޫހު ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.