ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅުގެ އަތޮޅު ބުރުގައި ކަނޑުހުޅުދޫއާއި ދެއްވަދޫން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، އއ. އަތޮޅުގެ ފުރަތަމަ މެޗުން މަތިވެރި މޮޅުވެއްޖެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގއ. އަތޮޅުން ހަތް ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ތިން ޓީމު ހިމެނޭ އިރު، އެ ގްރޫޕުގައި ދެއްވަދޫން ވިލިނގިލި ބަލިކުރީ 2-1 އިންނެވެ.

ދެއްވަދޫ ސްކޮޑުގެ ބައެއް ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނިފައިވާ އިރު، ރޭ އެޓީމުން ނުކުތީ ކެޕްޓަން އަހްނަފް ރަޝީދުވެސް ނުލައެވެ.

ބަދަލުތަކާއެކު ނުކުމެ ދެއްވަދޫން މޮޅު ހޯދި އިރު، އެޓީމުގެ ގޯލްތައް ޖަހައިދިނީ ވިޝާހް އަބްދުލް މަޖީދާއި ނަސޫހު ސައީދެވެ.

އެ އަތޮޅު ގްރޫޕް އޭގައި ކަނޑުހުޅުދޫން ރޭ ވަނީ ކޮލަމާފުށި ލަދުގަންނަވާލައިފައެވެ. އެއީ 7-0 އިން މޮޅުވެގެންނެވެ. މެޗުގައި ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު ހަތަރު ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އަހުމަދު ޖަވާދާއި ފަޒްލީން މުހައްމަދު އަދި އިސްމާއީލް އަންވާރެވެ.

އެ ގްރޫޕުގައި ދެން ކުޅުނު މޗުގައި ދާންދުއާއި ގެމަނަފުށި އެއްވަރުވީ 2-2 އިންނެވެ. ދާންދޫގެ ގޯލްތައް މެޗުގައި ޖަހައިދިނީ އަހުމަދު ޒިޔާދާއި އަރުޝަމް ސައީދެވެ. ގެމަނަފުއްޓަށް މެޗުގައި ގޯލް ޖަހައިދިނީ ހުސައިން ތައިމްއާއި އަލީ ޝާޒް ހަބީބެވެ.

ދެއްވަދޫން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރޭ އއ. އަތޮޅުގެ ކުޅުންވެސް ފަށާފައިވާ އިރު، އެ އަތޮޅުން ވާދަކުރަނީ ފަސް ޓީމެވެ. މަތިވެރިއާއި ހިމަންދޫ ރޭ ކުރިމަތިލި މެޗުން މަތިވެރިން 2-0 އިން މޮޅުވި އިރު، ގޯލްތައް ޖަހައިދިނީ މުހައްމަދު ޝަފުރާޒާއި ހައިޝަމް އަލީއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.