ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު، އަތޮޅު ބުރުގައި އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ވަށަފަރު ކައިރިން މާރަންދޫ މޮޅުވި އިރު، ފިއްލަދޫ އާއި ކެލާގެ އިތުރުން ދިއްދޫވެސް މޮޅަކުން ފަށައިފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން އިއްޔެ ހަވީރު ފަށާފައިވާ އިރު، ފުރަތަމަ ކުޅުނީ ހދ. އަތޮޅުގެ މެޗުތަކެވެ. އޭގެފަހުން ރޭ ހއ. އަތޮޅު މެޗުތައް ފަށާފައިވާ އިރު، އެ އަތޮޅުން 10 ޓީމު ވާދަކުރަމުންދެއެވެ. އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ރޭ ކެލާއިން ތުރާކުނު ބަލިކުރީ 6-0 އިންނެވެ. މެޗުގައި ތުރާކުނުގެ ކީޕަރު އަހުމަދު ސުޖާއުއަށް ރަތް ކާޑުވެސް ދައްކާފައިވާ އިރު، ކެލާގެ އިބްރާހީމް ރިޝާލް ހެޓްރިކް ފުރިހަމަ ކުރިއެވެ. އެޓީމުގެ އަނެއް ގޯލްތައް ޖަހައިދިނީ އަހުމަދު ލައިޝްއާއި އަހުމަދު ޝަފަގްގެ އިތުރުން އަހުމަދު ވަހީދެވެ.
އެ ގްރޫޕުގައި ރޭ ފިއްލަދޫންވެސް ވަނީ ފޯރިގަދަ މެޗެއްގައި ބާރަށް ބަލިކޮށްފައެވެ. ބާރަށުގެ އަހުމަދު ސަޒީމް ގޯލެއް ޖަހާފައި އޮއްވައި ފިއްލަދޫން ފަހަތުން އަރައި މޮޅުވީ 4-1 އިންނެވެ.
ފިއްލަދޫގެ މުހައްމަދު ހުސާމްގެ އިތުރުން އާދަމް ޝައިދު މުހައްމަދާއި އާދަމް އިހުވާން އަދި މުހައްމަދު ޔާމީން ވަނީ ގޯލްތައް ޖަހައިފައެވެ.
އެ އަތޮޅުގެ ގްރޫޕްގައިވެސް ރޭ ކުޅުނީ ފޯރިގަދަ މެޗުތަކެކެވެ. އެންމެފަހުގެ ޗެމްޕިއަން ވަށަފަރު ކައިރިން މާރަންދޫ މޮޅުވެފައިވާ އިރު، ވަށަފަރުގެ އަހުމަދު މައިޝް ރަޝީދު ގޯލެއް ޖަހާފައި އޮއްވައި މާރަންދޫން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. މާރަންދޫގެ ގޯލްތައް ޖެހީ ހުމައިދު ހުސައިނާއި އަހުމަދު މުހައްމަދެވެ.
ދިއްދޫއާއި އުތީމުގެ ކުރިމަތިލުންވެސް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެމެޗު ނިމުނީ 3-1 އިން ދިއްދޫ މޮޅުވެގެންނެވެ. ދިއްދޫގެ ޒުނާމް މުހައްމަދު ޒުހައިރު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ އިބްރާހީމް ނަވާފް ސައީދެވެ. އުތީމުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ނަބީލެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް