އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ގްރޫޕަކުން ނަގައިފިއެވެ.

އެ ރަށުން މައުލޫމާތުން ދިން މީހަކު "ވަން" އަށް ބުނީ ވޯޓު ފޮށި ނަގާފައިވަނީ އެ އަތޮޅު މަހިބަދޫން ދިޔަ ބައެއް ކަމަށެެވެ.

އެ މީހުން ވަނީ ވޯޓު ފޮށި ހިފައިގެން ލޯންޗަކަށް އަރައިގެން ފިލާފައިވާކަމަށް އޭނާ ބުންޏެވެ.

ވޯޓު ފޮށި ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންވުފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ވޯޓުލާ މަރުކަޒުގެ ތެރެއަށް ބަޔަކު ވަދެގަނެ، ވޯޓު ފޮށި ހިފައިގެން ދުވެފައި ދާ މަންޒަރެވެ.

މިއަދު މެންދުރުފަހު 2:00 އިން މިރޭ 9:00 އަށް ކުރިއަށްދިޔަ މި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ. ޖުމްލަ 1،102 މަގާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގައި 53،457 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ރަށްރަށުގެ އިތުރުން މާލޭގެ ނުވަ ސްކޫލެއްގައި ވެސް ވޯޓު ފޮށި ބެހެއްޓިއެވެ.

މި އިންތިހާބުގައި ގައުމީ މަޖިލީހަށް އަތޮޅުތަކާއި ސިޓީތަކުން މެންބަރުން ހޮވުމުގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސެކްރެޓަރީންނާއި، އަންހެން އަދި ޒުވާނުންގެ ސެކްރެޓަރީންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިސް މަގާމުތަކަށް ވެސް މީހުން އިންތިހާބު ކުރެއެވެ.