ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ޕާޓީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުވުމަކީ ކުށެއް ކަމަށް ވަޒީފާގެ ގާނޫނުގައި ކަނޑައަޅަން މަޖިލީހަށް ބިލް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
ބިލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެމީހަކު އެދި، ސޮއިކޮށް ހުށަހަޅައިގެން ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިރު، ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހުތިޔާރުގައި ނިންމަންވީ ކަމެއް ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކާއި ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ކަމަށްވުމުން، ވަކި ޕާޓީއަކަށް ސޮއިކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރުމުގެ ފުރުސަތު ސަރުކާރުން އައްޔަންކުރާ ކުންފުނިތަކުގެ ވެރިންނަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މިފަދަ އަމަލުތަކަކީ ކުށެއްކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށްވެސް ބިލުގައިވެއެވެ.
އެހެންކަމުން މި ބިލު ހުށަހަޅާ ސަބަބަކީ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން، ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ނުވަތަ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ބިލުގައި ބުނެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް ނުވަތަ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމެއްގައި ސޮއިކުރުމަށާއި ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވުމަށް، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެއްވެސް މީހަކު މަޖުބޫރު ކުރުމަކީ ޖުމަހްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެއީ ހަތަރު މަހާއި 24 ދުވަސް ނުވަތަ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.
އެ ކުށް ކުރީ ދައުލަތުގެ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް ނުވަތަ ކުންފުންޏެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ އެކަން ކުރީ، ވަޒީފާއިން ވަކިކުރުމުގެ ބިރު ދައްކައިގެން ނުވަތަ ވަޒީފާއިން ވަކިކޮށްގެން ކަމަށްވާނަމަ، އެމީހެއްގެ ކުށަކީ، ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އެހެންކަމުން އެއީ ދެ އަހަރު ނުވަތަ ނުވަ މަހުގެ މުއްދަތަށް ޖަލު ހުކުމެއް އަންނާނެ ފަދަ ކުށެކެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް