ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޕީޖީގެ ފަރާތުން އެދިގެން ނެރުނު އަމުރެއް ކަމަށެވެ.

ސަނީއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށާއި، ޕީޖީ އޮފީހުގެ ފަރާތުން ވަނީ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެ ދުވަހު ޕީޖީ އޮފީހުން ބުނެފައިވަނީ ސަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދުމަށް ގަސްދުކުރާ ކަމަށެވެ.

ސަނީގެ ބަންދަށް ޖަހައިދިން 30 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުގައި ޕީޖީގެ ފަރާތުން އެދިފައިވަނީ ސަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.

ފުލުހުން ވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު ސަނީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)އަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭރު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެފަހުން އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓައި ހަމަ އެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިދިޔަ ނޮވެމްބަރުމަހުގެ 31 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު، ސަނީ ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.